ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ގޮވާލައްވައިފި އެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުމާއި، އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އެބޭފުޅާ ވެސް ދެކޮޅު ކަމަށެވެ.
އަޒާން ވިދާޅުވީ ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފަވާ މަޝްރޫއެއް ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށެވެ.
ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މި ސަރުކާރުން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި، 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފްތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވި ކަމަށާއި، އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން އިއުލާނުކޮށްފައިވާކަމަށެވެ.
"މިއީ ކަންބޮޑުވާ ކަމެއް. ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން. އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ،" އަޒާން ވިދާޅުވި އެވެ.
ހަންކެނޑެ މަޝްރޫއުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން ކަމަށާއި، ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އަޒާން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް އަޒާން ވިދާޅުވީ އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާ ކަމަށާއި، އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާއިރު، ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް އަޒާން ވަނީ ގޮވާލައްވާފަ އެވެ.
މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށާއި، ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް އައްޑޫ ސިޓީ ހަންކެޑެއިގައި ތަރައްގީކުރަން ސަރުކާރުން ނިންމީ މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ބުނެ އެވެ.