ރާ ބުއިމުގެ "އެޑިކްޝަން" އިން ސަލާމަތްވާން ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް ކުރި ދަތުރު އެންމެ ފަހުން އޭނާ ހިއްސާ ކޮށްފި އެވެ.
ޑެކްސް ޝެޕްހާޑްގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ބްރެޑް ވަނީ ރާ ބުއިމުން ދުރުވާން އެހީވެދޭ ގްރޫޕެއް ކަމަށްވާ އަލްކޮހޮލިކްސް އެނޮނިމަސްގައި އޭނާއަށް ކުރެވުނު ތަޖުރިބާ ކިޔައިދީފަ އެވެ.
އެ ގްރޫޕްގައި ބްރެޑްއާއެކު ޑެކްސް ވެސް ބައިވެރިވިއިރު އެއް ކަމަކުން އަރައިގަންނަން މަސައްކަތްކުރި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އެމީހުންގެ ދިރިއުޅުމުގެ ވާހަކަތަކާއި އިހްސާސްތައް އެކަކު އަނެކަކާ ހިއްސާ ކުރުމަކީ ލިބުނު ހިތްވަރެއް ކަމަށް ބްރެޑް ބުންޏެވެ.
"އެ އެންމެންގެ ވާހަކަތަކާއި ތަޖުރިބާތަކާއި އިހުސާސްތައް އަޑު އަހާލަން ލިބުމަކީ ތަފާތު އިހުސާސެއް ކުރުވި ކަމެއް" ބްރެޑް ބުނެފައިވެ އެވެ.
ބްރެޑް އިތުރަށް ބުނީ ރަލުގެ ވަބާއިން އަރައިގަންނަން އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޒާތީ ދިރިއުޅުމުގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކަށްފަހު ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރު ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާއެކު ކުރި ކައިވެނި ރޫޅުމަށްފަހު އެޑިކްޝަންއިން ސަލާމަތްވާން އިތުރު ހިތްވަރެއް ލިބުނު ކަމަށް ބްރެޑް ފާހަގަކުރި އެވެ.
އޭއޭގެ ބައްދަލުވުންތަކަށްފަހު ރާ ބުއިމުން ދުރުގައި ހުންނަން ބޮޑު އެހީއެއް ލިބުނު ކަމަށާއި މިއަދުވެސް އެގޮތުގައި ހުރެވުމުގެ ސިއްރަކީ އެ ބައްދަލުވުންތައް ކަމަށް ބްރެޑް ބުންޏެވެ.