އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މި މައްސަލަ ބަލައިގަތުމަށް 45 މެންބަރުން ވޯޓު ދެއްވާފައި ވާއިރު ބަލައިނުގަތުމަށް ވޯޓު ދެއްވީ އެންމެ މެންބަރަކެވެ.
މީކާއިލް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައި ވާތީ އެންމެ ފުރަތަމަ އަސަރުކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، އާމްދަނީ އާއި ބޭރު ފައިސާ ލިބުން ދަތިވުން ފަދަ ހާލަތެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
"މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް، ޓޫރިސްޓުން އައުން، މަދުވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ، ނުހަނު އެކަށީގެންވާ ކަމެއް،" މި މައްސަލާގައި މީކާއިލް ވިދާޅުވެފަވެ އެވެ.
އިއްޔެ ވެސް މީކާއިލް ހުށަހެޅި ގަރާރުގައިވާ ފަދައިން މިއަދުވެސް މީކާއިލް ވަނީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރު ކުރުމާ އެކު، އެފަދަ ތަކެތި ހުސްނުވެ އާންމުންނަށް ލިބެން ހުންނާނެ ގޮތް ކަށަވަރު ކުރުމަށް ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަކުރައްވާ، އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ ވަރަށް ހުރިކަން އާންމުންނަށް ސާފުކޮށްދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެފަ އެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން އޭގެ ރައްދެއްގެ ގޮތުގައި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ވަނީ ހަމަލާ ދީފަ އެވެ.
އެއާއެކު ގަތަރުގެ ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ރޭގައި ވަގުތީ ގޮތުން ބަންދުވެސް ކޮށްފަ އެވެ. މިއާއެކު ރާއްޖެއިން ފުރި ގަތަރު އެއާވޭސް ފްލައިޓެއް ޑައިވާޓް ވެސް ކުރި ކަމަށްވެ އެވެ.