އޭނާއަކީ ދިވެހި އަދަބީ ހަރަކާތްތަކުގައި ހިމެނޭ ވާހަކަ ދެއްކުމުގެ ރޮންގުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. ފަޟީލަތުއް ޝައިޚު ހުސައިން ސަލާހުއްދީން ވިދާޅުވި ބަސްފުޅެއް އަބަދުވެސް ހަނދާނުގައި ބަހައްޓަވައިގެން އެގޮތަށް ނަފްސު ތަރުބިއްޔަތު ކުރެއްވި. އަދަބީ ހަރަކާތުގައި އުޅުއްވަމުން ލޭޒާކަޓިންގެ މަސައްކަތަށް ނުކުންނެވީ ތަޖުރިބާތަކަކާއެކު. މަސައްކަތުގެ މައިދާނުގައި ދިމާވި ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު މިއަދު އޭނާ ވަނީ މީހުން ބަަލައިގަންނަ ފެންވަރެއްގެ މަސައްކަތެއް ވުޖޫދުކޮށްފައި.

ރުކެއް ހެދި ބޮޑުވަމުން އަންނައިރު އޭގެން ވެއްޓޭ ކޮންމެ ފަނަކުން އެ ރުކެއްގައި ލަފެއް ހުރެ އެވެ. މިލައްތައް ފަހުން ބަދަލުވެގެންދަނީ ރުކާއި އެހެނިހެން ގަސް ވަކިކޮށްދޭ ރުކައް ލިބިފައިވާ ރީތި ޚާއްސަ ސިފައަކަށެވެ. ބުރަ މަސައްކަތް ކުރުމަކީ ރުކުގައި ޖަހާ ލައް ފަދަ ކަމެކެވެ. ކޮންމެ މަސައްކަތަކުން މީހާއަށް ތަޖުރިބާއެއް ލިބެއެވެ.

ކޮންމެ ތަޖުރިބާއަކީ ކުރިއެރުމެކެވެ. ޒުވާންއިރު ބުރަ މަސައްކަތްކޮށް އުފެއްދުންތެރި މީހަކަށް ވުމަކީ ފަހުން ހަޔާތަށް ގިނަގުނަ މަންފާ ކުރާނެ ކަމެއްކަން މި ޒުވާނާ މިދަނީ ދައްކަމުންނެވެ.

މުހަންމަދު ޝިފާން: މޮޑާންއާޓްގެ ހިންގުންތެރި ވެރިޔާ

ހ. ތަރަބޫޒުގޭ މުހައްމަދު ޝިފާން (ޝިފާން)އަކީ ލޭޒާ ކަޓިންގެ ހުރިހާ ޚިދުމަތެއް އެއްފުރާޅެއްގެ ދަށުން ދޭ މަޝްހޫރު މޮޑާންއާޓްގެ ހީވާގި ހިނގުންތެރި ވެރިޔާ އެވެ. ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވި މި ޒުވާނާ ވަނީ ލޭޒާކަޓިންގެ މަސައްކަތަށް ވަދެވުމުގެ ކުރިންނާއި އަދި މިހާރު ވެސް، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ހިމެނޭ ވާހަކަ ދެއްކުމުގެ ހުނަރުގައި ވަރަށް ފާހަގަ ކޮށްލެވޭ ރަން ވަނަތަކެއް ހޯދައިފަ އެވެ.

މޮޑާންއާޓްގެ އެކި ޚިދުމަތްތައް ރަމްޒުކޮށްދޭ ލޯގޯތައް: ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ބޮޑެތި ބަދަލުތަކެއް ވަނީ މިހާރު ގެނެވިފައި

މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރުމަށްފަހު މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ ވެސް ތަމްސީލުކޮށް ގައުމީ މުބާރާތުގެ ތަށި ވިދިވިދިގެން 3 ފަހަރު ހޯދައި ތަށި މިލްކު ކޮށްދީފައިވެ އެވެ. މިހާރު ޝިފާންއަކީ އެ ޖަމިއްޔާގެ އިންތިޚާބުވެފައިވާ ނައިބު ރައީސް އެވެ.

ވާހަކަ ދެއްކުމުގެ ގިނަ މުބާރާތްތަކެއްގައި ފަނޑިޔާރުކަން ވެސް ކޮށްފައިވާ ޝިފާނަށް އެފަންނު ކުރިއެރުވުމުގެ ގޮތުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުން 2019 ގައި ގައުމީ އިނާމު ދެއްވާފައިވެ އެވެ. އެއީ ބަސްމޮށުންތެރިކަމުގައި ފުންނާބު އުސް އަދި މިހާރު ވެސް ވާހަކަދައްކަން ފަރިތަކޮށްދޭ ކާމިޔާބު ކޯޗެކެވެ. ވޭތުވެދިޔަ 30 އަހަރު އެ މަސައްކަތުގައި އުޅުއްވި ނަމަވެސް އެއީ ހިލޭސާބަހަށް ކޮށްދެއްވާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މޮޑާންއާޓްގެ ވެރިޔާ މުހަންމަދު ޝިފާން ގައުމީ އިނާމު ލިބިގަންނަނީ: އޭނާ ވަނީ ދިވެހި އަދަބީ ހަރަކާތްތަކުގައި މުޖްތަމަޢުއަށް ގިނަގުން ޚިދުަމަތްތަކެއް ކޮށްދެއްވާފައި

ދިވެހި އަދަބީ ދާއިރާގައި އުޅެމުން ލޭޒާކަޓިން ދާއިރާއަށް

ސްކޫލް ނިމުމަށްފަހު އޭނާ އިތުރު ދާއިރާއަކާ ގުޅުނެވެ. އެއީ ސޭލްސް އެންޑް މާކެޓިންގެ ދާއިރާ އެވެ. އެ ދާއިރާގައި ތަފާތު 3 ކުންފުންޏެއްގައި އޭނާ ވަނީ ވަރަށް ޅައުމުރުގައި މަސައްކަތުގެ މައިދާނަށް ނުކުމެ، ތަފާތު ގިނަ ތަޖުރިބާތައް ހޯއްދަވައިފަ އެވެ. އެ ދުވަސްވަރު ލޭޒާ އެންގްރޭވިން އަދި ލޭޒާސައިންގެ މަސައްކަތަށް ޝައުގުވެރިކަން އުފެދި، އެ މަސައްކަތް އިތުރަށް ދަސްކުރުމަށް ބޭނުންވި އެވެ. އެ މަސައްކަތާ ބެހޭ ދިރާސާ ކުރުމުގެ ތެރެއިން ވިސްނުނު އެއްކަމަކީ އެ ވިޔަފާރި އޭރު އޮތީ ވަރަށް ބޮޑަށް "މޮނޮޕޮލައިޒްޑް" ނުވަތަ ހަމައެކަނި ވަކި ބަޔަކަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމެވެ.

ލޭޒާ މެޝިން ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ސީލިންގްއެއް: މޮޑާންއާޓްއަކީ މިއަދު މީހުން އެންމެ ބަލައިގަންނަ ލޭޒާކަޓިންގްގެ ޚިދުމަތްދޭ އެންމެ ކާމިޔާބު އެއްކުންފުނި

އެހެންނަމަވެސް އޭނާގެ އަންހެނުންގެ ބާރުއެޅުމާއެކު އެއީ ކުރެވިދާނެ ކަމަށް ވިސްނި، ކެތްތެރިކަން އިސްކޮށް މަސައްކަތައިގެން ކުރިއަށް ދިޔަ އެވެ. އަދި ކުޑަ ލޭޒާ މެޝިނެއް ގަނެ ވިޔަފާރި ރަޖިސްޓްރީކޮށް މަސައްކަތް ފެށި އެވެ. މަސައްކަތުގެ ތެރެއިން މެޝިން އޮޕަރޭޓް ކުރުމާއި "ޓްރެންޑްސް" ބަދަލުވާ ގޮތް ދިރާސާކުރުމާއި، ކަސްޓަމާސް ބޭނުންވާ ގޮތަށް ތަކެތި ތައްޔާރުކޮށް ކަފާ، ރާވާ ހަދަން ދަސްކުރި އެވެ.

އެ ކަމުގައި ތަކެތި ސަޕްލައިކޮށްދޭ (ފޯރުކޮށްދޭ) ފަރާތްތަކުގެ އިތުރުން އެ ވިޔަފާރީގައި އުޅޭ އެހެން ފުންނާބު އުސް ފަންނީ މީހުންގެ ލަފަޔާއި އިރުޝާދު ވެސް ހޯދި އެވެ. އޭގެ ނަތީޖާއަކަށްވީ މިއަދު ވާދަވެރި ރޭހުގައި ވަރަށް ސާބިތުކަމާއެކު ފައިހަރު ކޮށްލެވުމެވެ. ޚިދުމަތްހޯދާ ފަރާތްތަކުގެ އިތުބާރު ކަށަވަރުވުމެވެ. އަދި ވަކިބަޔަކަށް ކުރެވޭ މަސައްކަތެއް ކަމުގައި ހީވެފައި އޮތް ހީވުން ބަދަލު ކުރެވުމެވެ.

ޢަރަބި ކެލިގްރަފީގެ ވަރަށް ހިތްގައިމު މަސައްކަތެއް : ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ މަސައްކަތެއް ފޯރުކޮށްދިމަކީ މޮޑާންއާޓް ގެ އެއްއަމާޒު

"ބިޒްނަސް އިނީޝިއޭޓް ކުރުމުގައި (ފެއްޓުމުގައި) އަޅުގަނޑުގެ އަންހެނުންގެ ވަރަށް ބޮޑު އެހީތެރިކަމެއްވޭ. ވަރަށް ހިތްވަރުދިން އަދި ގައިޑަންސް (ލަފާ) ދިން މި މަސައްކަތް ފެށުމަށް އަދި ކުރިއަށް ގެންދިއުމަށް. އަޅުގަނޑުގެ ބައްޕަ އޭރު ދުނިޔޭގައި ހުންނެވި. ބައްޕަގެ ފަރާތުން ވެސް ފައިސާގެ އެހީތެރިކަން ލިބުމުގެ ސަބަބުން ލޯނެއް ނުނަގައި މި މަސައްކަތް ކުރިއަށް ގެންދެވުނީ. އަދަބީ މަސައްކަތް ކުރުމަށް ރަށްރަށް ދަމުން މި މަސައްކަތް ކުރުންވީ އޭރު ވަރަށް ބުރަކަމަކަށް އެހެން ނަމަވެސް އެކަން ކުރިން،" ޝިފާން ކިޔައިދެއްވި އެވެ.

ކްރިސްޓިއާނޯ ރޮނަލްޑޯ 2017ގައި ރިއާލްމެޑްރިޑްގެ މެޗެއްގައި ކުޅުނު ބޫޓު: ރޮނާލްޑޯ ސޮއިވެސްކޮށްފައިވާ މިބޫޓު ފްރޭމް ކޮށްފައިވަނީ މޮޑާންއާޓްއިން

ދިވެހި އަދަބީ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ކުންފުނީގެ ހުރިހާ މަސައްކަތެއްގައި ވެސް އޭނާގެ ފުރިހަމަ ބައިވެރިވުން އޮވެ އެވެ. ފައިނަލް ޕްރޮޑަކްޓް އުފެއްދުމާއި، ކޯޓޭޝަން ހެދުމާއި، މީހުންނާ މުއާމަލާތް ކުރުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް މަސައްކަތެވެ.

މަސައްކަތުގައި އޭނާއަށް ދިމާވި އެންމެބޮޑު ގޮންޖެހުން ހިއްސާކޮށްލަމުން ވިދާޅުވީ ބައެއް ފަރާތްތަކުން މަސައްކަތުގެ ވެލިއު ނުހިފާއްޓާ ކަމެވެ. ލޭޒާކަޓިންގެ ވިޔަފާރިއަކީ ގިނަ ބައިތަކެއް ހިމެނޭ ވިޔަފާރިއަކަށް ވާއިރު، ހުރިހާ ބައިތަކެއް ހިމަނައިގެން ޚިދުމަތް ނުދޭ ފަރާތްތަކުން، ވިޔަފާރީގައި ދެމިހުރުމަށް ކޮލިޓީ ނުހިފޭއްޓުމާއި "ޕްރައިޒް ވޯ" ނުވަތަ އަގުގެ ހަނގުރާމަ އަކަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުދާ ބައްލަވާގަންނަވާ ކަސްޓަމަރުން އެ މުދަލެއްގެ ކޮލިޓީ ނުބައްލަވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މޮޑާންއާޓްގެ އުފެއްދުމެއް: ފެންވަރު ރަނގަޅު އަދި ރީތި އުފެއްދުންތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ

ކުންފުނީގެ މަސައްކަތައް އައި ލޮޅުން

މޮޑާންއާޓްގެ މަސައްކަތް ހުއްޓުމަކަށް އައިސްފާނެހެން ހީވި ހާދިސާއެއްގެ ވާހަކަ ހިއްސާކޮށްލުމުން ވެސް ދޭހަވެގެންދަނީ މަސައްކަތުގައި އަންނަ އަޑިގުޑަންތަކުން އަރައިގަތުމުގައި ދޫދިނުން ނުވާ ކަމެވެ.

"އަޅުގަނޑުގެ ވިޔަފާރިއަށް އެއްފަހަރަކު ވަރަށް ބޮޑު ލޮޅުމެއް އައި. އެއީ އެއްރޭ ދަންވަރެއްގައި މަސައްކަތް ކުރަނިކޮށް 3 ލޭޒާ މެޝިން އެއްފަހަރާ އަނދައިގެން ދިޔައީ. އަދި މަސައްކަތް އެއްކޮށް ހުއްޓުމަކަށް އައި. އެހެން ނަމަވެސް 3 މަސްދުވަސް ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް އަނެއްކާވެސް ކުންފުނި ކޮޅައްޖެހިން،" ޝިފާން ވިދާޅުވި އެވެ.

މޮޑާންއާޓްގެ ލޯގޯ: ޚިދުމަތުގައި 15އަހަރުވުމާއި ގުޅިގެން އެކުންފުނީގެ ލޯގޯ މިހާރު ވަނީ ރިބްރޭޑް ކުރެވިފައި

މިއަދު މޮޑަންއާޓްއަކީ ގިނަބެއްގެ އިތުބާރު ކަށަވަރު ކުރެވިފައިވާ، އެތައް ބައެއް އެތައް މުއައްސަސާއެއް އެބަޔަކަށް ބަރޯސާވެފައިވާ ޒަމާނީ އަދި ފެންވަރު ރަނގަޅު ލޭޒާކަޓިންގެ ޚިދުމަތްދޭ ކުންފުންޏެކެވެ. ގިނަ ރިސޯޓުތަކުގެ މިސްކިތްތަކުގެ ކެލިގްރަފީގެ މަސައްކަތާއި، ބޮޑެތި ކުންފުނިތަކުގެ ކައުންޓަރުތައް ރީތިކުރުމުގައި އާއި އަދި ބޮޑެތި ކުންފުނިތަކުގެ ލޯގޯ ބޭރުގައި ދިއްލުމަށް އެންމެ ފުރަތަމަ މަސައްކަތް ހަވާލުކުރެވޭ ބަޔަކީ ޝިފާންގެ މޮޑާން އާޓްސް ކަމުގައި މިއަދު ވެގެން ދިއައީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ ހުއްޓުމެއް ނެތި ވިޔަފާރި ކުރިއަރެވުމަށް ކުރި މަސައްކަތުގެ ނަތީޖާއިންނެވެ.

ލަކުޑިން ކަނޑާނަގާފައިވާ ދުނިޔޭގެ ޗާޓެއް: މިމަސައްކަތުގައި ކަމާބެހޭ މާހިރުންގެ ލަފާ ހޯދައިގެން ކޮލިޓީ ޚިދުމަތެއް ދިނުމަށް އިސްކަންދޭ

މިހާރުގެ ޒުވާނުންނަށް ޝިފާންގެ މެސެޖް

މިހާރުގެ ޒުވާން ޖީލު ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އޭނާ ނަސޭހަތްތެރިވެ އެވެ. ޒުވާން ދުވަސްވަރުގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ކުރުމަށާއި އެ ދުވަސްވަރުގެ އެނާޖީ (ހަކަތަ) މަސައްކަތަށް ނެރެވިއްޖެ ނަމަ، ފަހުން އޭގެ މަންފާ ފެންނާނެ ކަމަށް އޭނާ ޔަގީންކުރައްވަ އެވެ.

ޒުވާން ކުދިން ކޮފީއަށް ވެސް ދާންޖެހޭނެ ނަމަވެސް އެކަމުގައި ހައްދެއް އޮންނަންވާނެ

"ސަލާހުއްދީން ވިދާޅުވެފައި އޮންނާނެ ވަރަށް ރަނގަޅު ވާހަކަފުޅެއް، ވަރަށް ބޮޑަށް އަޅުގަނޑުގެ ލައިފްގައި ހަނދާން ބަހައްޓާ ވާހަކައެއް އެއީ. އެއީ 'ޖަވާހިރު އޭގެ އަގުއަރަނީ ޖަވާހިރަކަށް ހެދީމާ ނޫންތަ، ކަފާގާނާ ބައްޓަން ގެނެސް ކުލަވަރު ގެނައިމަ ނޫންތަ' މީހާ ޑައިމަންޑަކަށް ނުވަތަ ޖަވާހިރަކަށް ވަނީ ވަރަށް ބައިވަރު މަސައްކަތް ކޮށްގެން. ވީމާ ޖަވާހިރަކަށް ވުމަށް ނުވަތަ ހެދުމަށް ޅަފަތުގައި ކަފާ ގާނާ ބައްޓަން ގެނައުމުގެ މަސައްކަތް އެބަޖެހޭ ފަށަން،" އޭނާ ވިދާޅުވި އެވެ.

ޢަރަބި ކެލިގްރަފީގެ ވަރަށް ހިތްގައިމު މަސައްކަތެއް : ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ މަސައްކަތެއް ފޯރުކޮށްދިމަކީ މޮޑާންއާޓް ގެ އެއްއަމާޒު

ލޭޒާގެ ވިޔަފާރީގައި ގޮންޖެހުންތައް ދިމާ ވަނީ އެކި ފަހަރު އެކި ގޮތަށެވެ. މިދިޔަ މަހު 12ގައި މޮޑާންއާޓްއަށް 15 އަހަރު ފުރުނުއިރު މިހާތަނަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، އެއް ޓްރެކެއްގައި ހިފަހައްޓާ ލެވިފައިވާ މަދު ވިޔަފާރީގެ ތެރޭގައި ޝިފާންގެ މޮޑާންއާޓް ހިމެނިގެން ދިއުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލަކާއި ފަޚުރެކެވެ.

ޝިފާންގެ މި ކުރިއެރުން ފާހަގަކޮށް ވިޔަފާރި ވަނީ މިހާރު ރިބްރޭންޑްކޮށްފަ އެވެ. އަދި ވިޔަފާރިއަށް 15 އަހަރު ފުރުމާ ގުޅިގެން މިއަހަރުގެ ތެރޭގައި ވެބްސައިޓެއް ލޯންޗްކުރުމަށް ވަނީ ނިންމާފައި އެވެ.