ޑިސެމްބަރު 2023 ގައި ރިލީޒް ކުރި "އެނިމަލް" ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ރަންބީރު ކަޕްރޫގެ ތަފާތު ސްޓައިލް ގިނަބަޔަކަށް ކަމުދިޔަ އެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރަންބީރުގެ އިސްތަށިގަނޑު ސްޓައިލްކޮށްފައިވާ ގޮތެވެ. ދިގު އިސްތަށިގަނޑަކާއެކު ތުނބުޅިއެއް ހުރުމުން ސްޓައިލަށް އިތުރު ފުރިހަމަކަން ގެންސްދީފައިވެ އެވެ.

ފިލްމު އެނިމަލްގައި ރަންބީރުގެ އިސްތަށިގަނޑު ސްޓައިލްކުރި ހެއާ ސްޓައިލިސްޓް އާލިމް ހާކިމް ބުނީ ރަންބީރުގެ އިސްތަށިގަނޑު ސްޓައިލް ކުރުމުގައި ނަމޫނާއަކަށް ބެލީ ކުރީގެ ޕޮޕް ލަވަ ކިޔުންތެރިޔާ މައިކަލް ޖެކްޝަންގެ ހެއާ ސްޓައިލަށް ކަމަށެވެ.

ރަންބީރުގެ ދެ ސްޓައިލެއް އެ ފިލްމުގައި ފެނިގެން ދާއިރު، މައިކަލް ޖެކްޝަންއާ ބޮޑަށް ވައްތަރުކުރީ ރަންބީރު ކިޔަވަން އުޅުނު ދުވަސްވަރު ދައްކުވައިދިން ސްޓައިލުގައި ކަމަށް އާލިމް ވަނީ ބުނެފަ އެވެ.

އެގޮތުން ބޯ ކުޑަކޮށް ބުޅިކަމެއް ގެނެސް ފަހަތައް ދިގުކޮށްލާފައި ހުންނަގޮތައް ސްޓައިލް ކުރި ކަމަށް އާލިމް ބުނެފައިވެ އެވެ.

އޭނާ ބުނީ އެގޮތަށް ސްޓައިލް ކުރުމަށް މައިކަލް ޖެކްޝަންގެ އެކި ފޮޓޯތައް ނަމޫނާއަށް ބޭނުންކުރި ކަމަށެވެ. ކުރިން މީހުނަށް އެއީ މައިކަލް ޖެކްޝަންގެ ސްޓައިލްކަން ނުވިސްނުނުނަމަވެސް، އެވާހަކަ ދެއްކުމުން މިހާރު ވައްތަރުކަން ގަބޫލުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ދަރިއަކު ބައްޕައެއްގެ ސަލާމަތައް އެތައް ބަޔަކާ ކުރިމަތިލާ އަނިޔާވެރި ގިނަ މަންޒަރުތަކެއް ހިމެނޭ އެނިމަލް ފިލްމަކީ ރަންބީރުގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ފިލްމެކެވެ.