ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ދައުލަތުން އަނބުރާ ގެންދަން ނިންމައިފި އެވެ.

މެއި, 2022 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫނާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 14 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޓެރަރިޒަމްގެ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖާ ކުރުމަށްފަހު އެ އަމަލުތައް ހިންގާފައިވަނީ ޖަޒުބާތީ ގޮތުން ކަމަށްވާތީ އާއި އެ މައްސަލަ ކޯޓުގައި ނުނިމި ލަސްވެފައިވާތީ އާއި ދައުވާލިބޭ މީހުން މުޖްތަމައުގައި އަދާކުރާ ދައުރަށް ބެލުމަށްފަހު ކަމަށެވެ.

އެ ދައުވާ އަނބުރާ ގެންދަން ނިންމިއިރު, މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އޭނާގެ މައްޗަށް އެ ދައުވާ ސާބިތުނުވާނެ ކަމަށް ސޯޝަލް މީޑިއާގައި އިއްޔެ ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ތޫނު ހަތިޔާރުގެ ގާނޫނުގެ ދަށުން އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް ވެސް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސް އެޅުމުގެ ދައުވާތައް ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ދައުވާތައް ކޮށްފައިވަނީ އެންމެ ފަސް މީހެއްގެ މައްޗަށެވެ. އެ ދައުވާލިބޭ މީހުންގެ ތެރޭގައި މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫނާއި އާދަމް ނިޝާން ނުހިމެނެ އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޭރުގެ ސަރުކާރުން ސަސްޕެންޑްކުރި އެވެ.