ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަތިންދާބޯޓަށް ހިދުމަތް ދޭން "ޓޯބާ ލެސް" ވެހިކަލްގެ ޚިދުމަތް ފަށަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެ އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނީ ވީއައިއޭގައި ދޭ މި ޚިދުމަތަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ހިދުމަތަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މިގޮތުން މަތިންދާބޯޓު ޓޯ ކުރުމަށް "ޓޯބާ ލެސް" ވެހިކަލް ބޭނުންކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ވެހިކަލްތަކުގައި މަތިންދާބޯޓު ދަމާ ގެންދިއުމަށް ދަގަނޑު ބާއެއް ބޭނުން ނުކުރާނެ އެވެ. އޭގެ ބަދަލުގައި މި ވެހިކަލް ގޮސް ބޯޓުގެ ޓޯކުރާ ތަނުގައި އަޅުވައިގެން ގެންދާނީ އެވެ.
ވީއައިއޭއަށް ގެނެސްފައިވާ "ޓޯ ބާލެސް" ޓޯ ޓްރަކްއަކީ ޓީ އެލްޑީގެ ޓީޕީ އެކްސް 200 އެމް ޓީ އެކްސް މޮޑެލް ޓޯ ޓްރަކެއް ( TPX-200-MTX )ކެވެ. މިއީ މި އިންޑަސްޓްރީގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ މޮޑެލްގެ ވެހިކަލެކެވެ.
އެމްއޭސީއެލް އިން ބުނީ އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތަ އިތުރުވެ އަވަސް ކަމާއެކު މަތިންދާބޯޓު ފުރުވަން އެހީތެރިކަން ލިބޭ މި ވެހިކަލަކީ ދުބާއީ، އަބޫދާބީ، ސިންގަޕޫރު އަދި ޔޫރަޕްގެ ގިނަ އެއާޕޯޓުތަކުގައި މަގުބޫލު ޒަމާނީ ވެހިކަލެއް ކަމަށެވެ. އަދި ކޯޑް ސީ އެއާކްރާފްޓް އިން ފެށިގެން ގޮސް ކޯޑް އީގެ ހުރިހާ އެއާކްރާފްޓެއް ޓޯ ކުރެވޭ، މި ވެހިކަލްގައި އޮޕަރޭޓްކުރާ މީހާއަށް ވެސް ހުރިހާ ގޮތަކުން ވިސިބިލިޓީ ސާފްކޮށް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އާ ހިދުމަތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ދެއްވަމުން ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް ވިދާޅުވީ ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނައިރު އެ ކުންފުނީގެ ވިސްނުމަކީ މަތިންދާ ބޯޓަށް ހިދުމަތްދޭ ވެހިކަލްތަކަކީ ވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ އުޅަދުތަކަށް ހެދުން ކަމަށެވެ. އަދި މި ވެހިކަލްގެ ސަބަބުން މަތިންދާބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ، އަދި ރައްކާތެރިކަން ވެސް އިތުރު ވެގެންދާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ މެއިންޓަނަސް އަދި އޮޕަރޭޝަންސް ކޯސްޓް ކޮންވެންޝަނަލް ޓަގަށް އަޅާބަލާއިރު ކުޑަ، މި ވެހިކަލް އޮޕްރޭޓް ކުރުމަށް މި ވަގުތު 8 އޮޕަރޭޓަރުން ތަމްރީން ކޮށްފައިވާ ކަމަށެވެ. އަދި މި ވެހިކަލް އޮޕަރޭޓް ކުރުމުގެ އެންމެ ފަހުގެ ރިސްކްއެސެސްމަންޓްތައް މިހާރު އަންނަނީ ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.