ހައްޖުގެ އަޅުކަން އަދާކޮށްގެން އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަސް ފަރުވާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.
ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުންނަ ސަރަހައްދުގައި ޤާއިމުކޮށްފައިވާ މި ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ލިބެން ހުންނާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި ހާއްސަ އިންތިޒާމެއްގެ ދަށުން މަޑުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމާއި، އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހޮސްޕިޓަލުން އިރުޝާދު ދެއެވެ. އަދި އެނބުރި އައުމަށްފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން ނުވަތަ ނޭވާލުމުގައި ދަތިކަން ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދީފައިވެ އެވެ.
މި ކްލިނިކް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމާއެކު، އެފަދަ ބަލިތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވުމެވެ. ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ކްލިނިކުން އިސްކަންދޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.