ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން އަންނަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގުޅިގެން މިރޭ ނެރުނު ބަޔާނުގައި ވަނީ އެފަދަ ސްކީމްތައް ހިންގޭނީ ސީއެމްޑީއޭގެ ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިޔުއަކީ ހުއްދަ ނަގައިގެން ހިންގާ ތަނެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ އަލީގައި ޖެމްކިޔުއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ." ބަޔާނުގައިވެ އެވެ.

އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ސީއެމްޑީއޭ އާއި އެ މުއައްސަސާ ގުޅިގެން އެ މައްސަލަ ބޭރުގެ އޭޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސީއެމްޑީއޭއާއެކު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.