ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރުގެ ބޯޓުގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

މި މައްސަލައިގައި ބޯޓުގެ ކެޕްޓަން ފިޔަވައި ދެން ހައްޔަރުކުރެވުނު އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މިދިޔަ މާޗު މަހު "މުތާ ޑައިމަންޑް" ނަމަކަށް ކިޔާ ބޯޓަކުން 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނެވެ. މި ބޯޓުން 10 މީހުން ހައްޔަރުކުރެވުނު އިރު، އޭގެ ތެރޭގައި އިންޑިއާ އަދި އިންޑޮނީޝިއާގެ ރައްޔިތުން ހިމެނެ އެވެ.

ދޫކޮށްލެވުނު ބައެއް މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުނަމަވެސް، ފުރަތަމަ އިސްތިއުނާފު ކުރެވުނު މައްސަލަ ހައިކޯޓުން ބަލައިނުގަތުމާ ގުޅިގެން، ދައުލަތުން އެ ނިންމުން ރިވިއު ކުރުމަށް އެދުނެވެ.

މި ހިސާބުން ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވެ އެވެ. މެޖޯރިޓީ ފަނޑިޔާރުންގެ ނިންމުމަކީ ހައިކޯޓުން ބަލައިނުގަތް މައްސަލަ އަލުން ބަލައިގަތުމަށެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދިނީ ދައުލަތުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހައްޔަރުކުރުންތައް ކުރެވުނީ ޖޮއިންޓް އޮޕަރޭޝަނެއްގެ ދަށުންނެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކަމެއްކަމަށް ތަހުގީގު ކުރި ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.