މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް މަރުވި ސަންޖޭ ކަޕޫރަކީ އިންޑިއާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހަމައެކަނި ވިޔަފާރިވެރި އެކެވެ. ގިނަ ބަޔަކަށް އޭނާ އެނގެނީ ވެސް ބޮލީވުޑްގެ އެކްޓަރު ކަރިސްމާ ކަޕޫރުގެ ކުރީގެ ފިރިމީހާގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ހުޅަނގުގެ މީޑިއާތަކުން ސަންޖޭގެ މަރު ރިޕޯޓުކުރީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާގެ ވިޔަފާރިއާއި ބޮލީވުޑްއާ އޮތް ގުޅުން އެއްފަރާތްކޮށް އެ މީޑިއާތަކުން ސަންޖޭ ރިޕޯޓުކުރީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްގެ ރަހުމަތްތެރިއެއްގެ ގޮތުގަ އެވެ.

ސަންޖޭގެ މަރާއެކު އެމެރިކާއާއި އިނގިރޭސި ވިލާތުގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް އެ ހަބަރު އެރީ "ޕްރިންސް ވިލިއަމްގެ ބިލިއަނަރު ރަހުމަތްތެރިޔާ މަރުވެއްޖެ" ކަމުގަ އެވެ.

އެއާއެކު ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ ސަންޖޭއާއި ޕްރިންސް ވިލިއަމްއާ ދެމެދު އޮތް ގުޅުމަކީ ކޮބައިތޯ އެވެ. ބޮލީވުޑްއާ އޮތް ގުޅުމާއި ވިޔަފާރި އެއްފަރާތްކޮށް ޕްރިންސް ވިލިއަމްއާ ގުޅުވައިގެން އެ ހަބަރު ގެނެސްދިނީ ކީއްވެތޯ އެވެ.

ސަންޖޭއަކީ އިނގިރޭސި ވިލާތުގައި މަޝްހޫރު ކުޅިވަރެއް ކަމަށްވާ ޕޯލޯ ކުޅުމަށް ހާއްސަ ޝައުގެއް ބެހެއްޓި މީހެކެވެ. އޭނާއަކީ އިނގިރޭސި ވިލާތުގެ ޕޯލޯ ކޮމިއުނިޓީއާ ވަރަށް ގާތް ފަރާތެކެވެ.

ޕްރިންސް ވިލިއަމްއާއި ސަންޖޭގެ ގުޅުން ފެށުނީ އެގޮތުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ފަހުން އެ ދެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އޮވެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސަންޖޭ މަރުވެފައިވަނީ އިނގިރޭސި ވިލާތުގައި ޕޯލޯ ކުޅެމުން ދަނިކޮށް ކުޅަނދުރެއް ހެފުމުގެ ސަބަބުން ޖެހުނު ހާޓްއެޓޭކްއަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސަންޖޭގެ ޖަނާޒާއަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެނައުމަށް މަސައްކަތް ކުރަމުންްދާއިރު އެކަމުގައި ގިނަ ގާނޫނީ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެވެ އެވެ.

2003 ން 2016 އަށް ސަންޖޭއާއި ކަރިސްމާ ކައިވެނިކޮށްގެން އުޅުނުއިރު އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. ވަރިއަށްފަހު ދަރިން އުޅެމުން އައީ ކަރިސްމާއާ އެކުގަ އެވެ.