ފިޓްނަސްގެ ބޭނުމަކީ ހަމައެކަނި ބަރުދަން ލުއިކުރުމާއި، ބަނޑު ހިންދުމާއި ގައިގެ މަސްތައް ވަރުގަދަ ކުރުމެއް ނޫނެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ މުހިންމު ނަމަވެސް އެންމެ އަޅާނުލެވޭ އެއްތަނަކީ ދެފަ އެވެ. ނުވަތަ ފައިގެ ކަސްރަތެވެ.
ފަޔަށް ޚާއްސަ ކަސްރަތު ބޭނުންވަނީ ކީއްވެ؟
ފަޔަކީ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނެވެ. ހިނގުމާއި، ދުވުމާއި އަދި ތަންތަނަށް އެރުމަށް ވުރެ ވެސް މުހިންމު މަސައްކަތްތަކެއް ދެފައިން ކުރެ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި ހަރަކާތްތެރިވެ އުޅުން އަދި ސީދަލަށް ހުރުން ހިމެނެ އެވެ. މި ހުރިހާ ކަމަކީ މިނިވަންކަމާއެކު ދިރިއުޅުމަށް މުހިންމު ހަރަކާތްތަކެކެވެ.
ޚާއްސަކޮށް އުމުރު މައްޗަށް ދާ ވަރަކަށް ދެފައިގައި ބާރު ހުރުންމަކީ ވަރަށް މުހިންމު ކަމެކެވެ. ފައި ވަރުގަދަކުރުމަށް ކުރެވޭ ކަސްރަތުތަކުގެ ސަބަބުން އުމުރު ދިގުވުމުގެ ސަބަބަކަށް ވެ އެވެ. ހޯދުންތަކުން ހާމަވާގޮތުގައި ފައިގެ ބާރުގަދަވުމަކީ ވިސްނުމުގެ ބާރު ގަދަކުރުވާ ވެސް ކަމެކެވެ. އެއާ ޚިލާފަށް ފައިގެ މަސްތަކުގައި ބާރުދެރަ ނަމަ ވެއްޓުމާއި، އަނިޔާވުމާއި ފުރާނައަށް ގެއްލުންވުން ވެސް ހިމެނެ އެވެ.
ދެހާސް ސޯޅަވަނަ އަހަރު 324 އަންހެނުން ބޭނުންކޮށްގެން 10 އަހަރަށް ކުރިއަށް ގެންދިޔަ ދިރާސާއަކުން ފައިގެ ބާރުގަދަ ނަމަ، ވިސްނުމުގެ ބޭނުންކޮށްގެން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށް ދެއްކި އެވެ. އަދި އެއްމާބާނޑު ދެ ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއަކުން ވެސް ފައިގައި ބާރުގަދަވުމާއި ސިކުނޑީގެ މަސައްކަތުގެ ބާރުގަދަވުން ގުޅިފައިވާ ކަމަށް ދެއްކި އެވެ.
ފަޔަކީ ބޮޑެތި މަސްތައް ހިމެނޭ ގުނަވަނަކަށްވާއިރު، ހަށިގަނޑުގެ ބޮޑެތި މަސްތަކަށް ކަސްރަތު ދިނުމަކީ ހަކުރު ބައްޔަށާއި ހިތުގެ ބަލިތަކުން ވެސް ދިފާއުކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ހާމަވެ އެވެ.
ކޮންމެ އުމުރެއްގައި ވެސް ހިނގާބިނގާވެ، އުޅުމަށް ދެފައިގެ މަސްތައް ވަރުގަދަކޮށް ހުރުން މުހިންމެވެ. މަސްތަކުގެ ބާރުދެރަ ނަމަ، ވެއްޓި ފައި ބިންދައިގެން ދިއުމާއި ހުޅަށް އަނިޔާ ލިބުމަކީ ކައިރިކަމެކެވެ. އެފަދަ ގެއްލުމެއްގެ ސަބަބުން އަމިއްލައަށް ހިނގަބިގާވެ އުޅުމާއި މިނިވަންކަމާއެކު ދިރިއުޅުމަށް ބުރޫއަރާ މީހެއްގެ އެހީއަށް އެދެން ޖެހިދެ އެވެ.
ތިރީގައި މި ހިމަނާލަނީ ފައިގެ މަސްތައް ވަރުގަދަކުރުމަށް ކުރެވިދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާދެއްވާ ބައެއް ކަސްރަތާއި އޭގެ ތަފްސީލެވެ.
ސްކޮޓް:
ސްކޮޓްއަކީ ފައިގެ ކަސްރަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަސްރަތެވެ. ސްކޮޓް ހެދުމަށް އަތުން ޑަމްބް ބެލްއެއް ހިފުމުން މިކަސްރަތު ކުރާއިރު ބެލެންސްކުރަން ފަސޭހަވެ އެވެ. ސްކޮޓް ހެދުމަށްޓަކާއި ޑަމްބް ބެލްއެއް ހިފައިގެން ހުރެ، ދެފައި ދުރުކޮށްލައި ގޮނޑިއެއްގައި އިށީންނަން ތިރިވާހެން ހަށިގަނޑު ސީދަލަށް ބަހައްޓައިގެން ކަކޫ ލަންބައި ތިރިވާނީ އެވެ. އުނދަގުލަކާ ނުލައި ތިރިވެވޭނެ އެންމެ ތިރިއަކަށް ދިއުމަށްފަހު ކޮޅަށް ތެދުވާނީ އެވެ. އަދި އިތުރަށް މި ކަސްރަތު ތަކުރާރު ކުރާނީ އެވެ.
ބަލްގޭރިއަން ސްޕްލިޓް ސްކޮޓް:
ބަލްގޭރިއަން ސްޕްލިޓް ސްކޮޓް ހެދުމަށް އެއްފައި ފަހަތުގައިވާ ގޮޑިއެއްގައި ބޭންދުމަށްފަހު ދެވަނަ ފައިލަންބައި ތިރިވާނީ އެވެ. އެއްފައި ނިމުމުން ދެވަނަ ފައި ވެސް ކުރިން ބުނިގޮތަށް ލަންބާ ތިރިވާނީ އެވެ. އަދި ތަކުރާރު ކުރާނީ އެވެ. މި ކަސްރަތުން ފަޔަށް ބާރުޖެހެ އެވެ. އަދި ހަށިގަނޑު ބެލެންސްކުރަން ފަސޭހަވެގެން ދާނެ އެވެ.
ލަންޖަސް
ފައިގެ ކަސްރަތުތައް ނިންމާލަމުން ލަންޖަސް ކަސްރަތު ހިމެނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ލަންޖަސް ހެދުމަށްޓަކައި އެއްފައި ކުރިއަށް ނެރެ ތިރިވާނީ އެވެ. ފުރަތަމަ ފައި ނިމުމުން ދެވަނަ ފައި ކުރިއަށް ނެރެ ހަށިގަނޑު ސީދާކޮށް ތިރިވާނީ އެވެ. އަދި ތަކުރާރު ކުރާނީ އެވެ.