ދާދި ފަހުން މެލޭޝިއާގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން އެހީވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިސްކޮށް ހުންނަވައިގެން ހިންގަވާ، ހިދުމަތް ޖަމިއްޔާއިން، ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 760،000 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ އަދަދަކީ އެ މިސްކިތް ބިނާކުރުމަށް ފުދޭ އަދަދެއް ކަމަށެވެ.

އޭގެ ފަހުން ވެސް ވަރަށް ގިނަ ބަޔަކު އަދިވެސް މި ކަމުގައި ބައިވެރިވުމަށް އެދެމުންދާތީއާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝެއިޚް ގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ނިންމާފައިވާކަމަށާއި އެކަމަށްޓަކައި ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މިއާއެކު މިނިސްޓަރު ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ޝެއިޚްގެ ހަނދާނެއް ރާއްޖޭން ބޭރުގައި ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ. އަދި މި މިސްކިތުގައި އިސްލާމީ އިލްމުގެ ލައިބްރަރީ އަކާއި ގުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކެއް ހުންނަންވާނެ ކަމަށް ދެކޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"މިސްކިތް ހުންނަންވީ ވެސް އިސްލާމީ އިލްމުގެ ލައިބްރަރީ އަކާއި ގުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކަކާއި އެކުކަމަށް ދެކެން. ޝައިޚް ކުރެއްވި މަސައްކަތް ދިރުވާނެ ތަނެއްގެ ގޮތުގައި ޝައިޚް އަށް ވަގުފެއްގެ ގޮތުގައި،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއާއެކު މިކަމުގައި އެ ޖަމިއްޔާއިން ބޭނުންވާ އެންމެހާ ކަމެއްގައި މިނިސްޓްރީން އެހީވާނެ ކަމަށާއި، އޭގެ ތެރޭގައި މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުންވެސް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.