ކެއުމުގައި މާ ގިނައިން ޕާޕަރު ހިމަނާނަމަ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށް މެލޭޝިއާގެ ކޮންޒިއުމާ އެސޯސިއޭޝަން އޮފް ޕެނޭންގްއިން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ކެއުމުގައި ގިނަ އަދަދަކަށް ޕާޕަރު ހިމަނާ މީހުންގެ މެދުގައި ކުރެވުނު އެ ދިރާސާއިން އެނގުނު ގޮތުގައި އެފަދަ މީހުންގެ ހަށިގަނޑުގައި ލޮނު ހުންނަންވާ މިންވަރަށްވުރެ މާ އިތުރަށް ހުރެ އެވެ.
ނަތީޖާއަކަށްވަނީ ލޭ މައްޗަށް ދިއުމާއި ސްޓްރޯކް އަދި ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެގޮތުން ޕާޕަރު ތެއްލުމުގައި ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރުމާއެކު އެއީ ވެސް ހިތުގެ ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރައްވަ އެވެ.
ހަމައެއާއެކު މާ ގިނައިން ޕާޕަރު ކާނަމަ ޕާޕަރު ހެދުމަށް ބޭނުންކުރާ ފުށްގަނޑު ގޮހޮރުގައި ތަތްލާ ވައިގެ މައްސަލަތަކާއި ބޮޑުކަމުދިއުމުގެ މައްސަލަތައް ފަދަ ހަޖަމުގެ ނިޒާމުގެ ބަލިތަކަށް ވެސް މަގުފަހިވެ އެވެ.
ޕާޕަރަކީ ދިވެހިންގެ މެދުގައި ވެސް އެކި ކެއުންތަކާއެކު ގިނަ އަދަދަކަށް ބޭނުންކުރެވޭ ބާވަތަކަށް ވާއިރު އެ ކެއުމުގައި މެދުމިން ގެންގުޅުމަށް ސަމާލުވާން ޖެހެ އެވެ.