މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފި އެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ރައުދު ހައްޔަރުކޮށްފައިވަނީ އެ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި މެއި މަހުގެ 25 ގައި ފުލުހުން ވަނީ ރައުދުއަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.

ރައުދުގެ މައްޗަށް އުފުލާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ ރައުދުއަށް ދައުވާ ކުރާ ސަބަބަކީ ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވުމާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ޔުމްނު ވެއްޓުނުރޭ އެންމެ ފަހުން ޔުމްނުއާއެކު ގެއެއްގެ ތެރޭގައި ރައުދު އުޅެފައިވާ ސީސީޓީވީ ފުޓޭޖް ތަކުން ފެނިފައިވެ އެވެ. އެމައްސަލައިގައި އޭނާ ހައްޔަރުކުރުމުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެއްފަހަރު ބަންދުން ދޫކޮށްލި އެވެ. އޭގެ އިރުކޮޅެއްފަހުން އޭނާ އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތުގެ ގޮތުގައި 5 ދުވަސް ޖެހުމަށްފަހު އަނެއްކާވެސް 27 މެއިގައި ރައުދު ވަނީ ދޫކޮށްލާފަ އެވެ.