ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގަމުން އަންނަ އިމާރާތާ ޖެހިގެން އޮތް ޕާކު ނުވަތަ ދޮންހުރާ ގޯޅީގައި އޮތް ހުސްބިމުގެ ރަޖިސްޓްރީ އެ ޔުނިވާސިޓީ އަށް ލިބިއްޖެ އެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއް ނަމަވެސް މިހާތަނަށް އައިރުވެސް އެތަނުގެ ރަޖިސްޓްރީ ލިބިފައިނުވާކަމަށެވެ.
މި ބިން ލިބުނީ މި ސަރުކާރު އައި ފަހުންކަން ފާހަގަކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ޔުނިވަރސިޓީއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޔުނިވަރސިޓީއަށް ވެހިކަލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުގެ އެހީތެރިކަމާއެކު ލިބިގެންދާނެ ކަމަށެވެ.
"އެއީ އަސްލު ހަޤީގަތުގައި ޔުނިވަރސިޓީގެ މިލްކެއް. އެހެންވީމާ ޔުނިވަރސިޓީއަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް އެބަކުރޭ. ޔުނިވަރސިޓީއަކަށް ވީ ހިސާބުން ފެށިގެން އަދި ޔުނިވަރސިޓީގައި ވެހިކަލްއެއް ނުވެއްނެތް. ވަރަށް އަވަހަށް އެކަންވެސް ސަރުކާރުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ. ވަރަށް އަވަހަށް ޔުނިވަރސިޓީ ތެރޭގައި އެ ޚިދުމަތް ލިބޭނެ ގޮތް ވަނީ ފަހިވެފައި" ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވި އެވެ.
ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ ސަނާބިލް އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މިކަމަށް ސަރުކާރުން އެ ޔުނިވަރސިޓީއަށް 35000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާދެއްވާފައިވާކަމަށް ޑރ.އަލީ ޒާހިރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެ އެވެ.