މިއަހަރުގެ ހައްޖު ހުތުބާ 35 ބަހަކަށް ތަރުޖަމާކޮށް ދައްކާނެ ކަމަށް ދެ ހަރަމުގެ ކަންކަން ބަލަހައްޓާ ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ އިދާރާއިން ބުނެފި އެވެ.
އެއިދާރާއިން މިފަދައިން އަމަލުކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަސް މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް މި އަހަރުގެ ހައްޖު ހުތުބާ ފޯރުކޮށްދިނުމުގެ މަގުސަދުގައި އެވެ.
ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ. އަބްދުލްރަހަމާން އަލް-ސުދައިސް ވިދާޅުވީ މި ހަރަކާތް މެދުވެރި ކޮށް ދަރުހުން ދޭ ފިލާވަޅު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުންނަށް ފޯރުކޮށް ދީ، އަޑުއެހުންތެރިންގެ އީމާންތެރިކަން އިތުރު ކޮށްދިނުމަކީ މި ހަރަކާތުގެ މުހިންމު މަގުސަދެއް ކަމަށެވެ.
މިއާއެކު ގިނަ ބަސްތަކަކަށް ހުތުބާ ތަރުޖަމާ ކުރުމަށް ކުރެވޭ މަސައްކަތަކީ ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން ކުރާ މުހިންމު މަސައްކަތެއްކަން އެބޭފުޅާ ފާހަގަކުރެއްވި އެވެ.
އެ އިދާރާގެ ރިޔާސަތުން ވަނީ ދަރުހުގެ މެސެޖު ފުޅާކޮށް ފޯރު ކޮށްދިނުމަށް މީސްމީޑިޔާއާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައިވާއިރު، ހުތުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެއެވެ. އަދި އިންޓަނެޓާއި، މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުން ވެސް މި ހުތުބާ ބެލޭނެ އެވެ.
މި އަހަރުގެ އަރަފާތު ދުވަހުގެ ހުތުބާ ދެއްވާނީ މަސްޖިދުލް ހަރާމުގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ ސާލިޙް ބިން ހުމައިދުއެވެ.