2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވިސްނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި ވާހަކަ ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގަ އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ޕާޓީއެއްގެ ޓިކެޓުގައިކަން އެ މަނިކުފާނު ހާމަކުރައްވާފައެއް ނުވެ އެވެ.

އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ 2023 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެއަށްފަހު އެމަނިކުފާނު ސޮއިކުރެއްވީ ދަ ޑިމޮކްރެޓްސްގަ އެވެ.

މިހާރު ނަޝީދު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވަމުން އަންނައިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު ވެސް ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވާހަކަދެކެވެ އެވެ.

ނަޝީދަކީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅާ އެވެ. އެމަނިކުފާނަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެވެ. އެކަމަކު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ބަލިވި ފަހުން އެހެން އެއްވެސް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރައްވަ އެވެ.