މާލޭގައި މާރާމާރީ ހިންގައި ގުރޫޕަކުން ހަމަލާދީ މަރާލި، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން އަނެއްކާނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
2017 ވަނަ އަހަރު ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި އެވެ. ނަމަވެސް، ހެކިތަކަށް ބަލާއިރު، އެ މީހުން ކުށުގައި ބައިވެރިވިކަން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ.
އެގޮތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ އަހުމަދު ޒަޔާން /ޅ. ކުރެންދޫ، އަފްރާހް ޢަބްދުއްރައްޒާގު /މާލެ އަދި އުސްމާން ޝަރީފް /މާލެ ގެ މައްޗަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ ޖުނައިހު އަބްދުﷲ /ލ. ގަން، ސިމާހު މޫސާ /ކ. މާލެ، ހަސަން މަހްފޫޒް/ ސ. ފޭދޫ އަދި މުހައްމަދު ޝާޒް /ތ. ކިނބިދޫ ގެ މައްޗަށެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ނިންމީ އެ މީހުން ބަންދުކުރަންޖެހޭ ހާލަތެއް ނެތްކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށްފަހު، ހައިކޯޓުން އަލުން ގޮތެއް ނިންމުމަށް އެންގި އެވެ. ނަމަވެސް ހައިކޯޓުން ދެވަނަ ފަހަރަށްވެސް ނިންމީ އެ މީހުން ބަންދުނުކުރުމަށެވެ. މިހާރު ދައުލަތުން ވަނީ މި މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށްވެސް ދައުވާ އުފުލުނު ނަމަވެސް، އޭނާގެ މައްޗަށް ކުރެވުނު 18 އަހަރުގެ ޖަލު ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވާފަ އެވެ.