މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުން މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިދިޔަ އަހަރު ރައީސް މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯދީއަށް ދައުވަތު ދެއްވާފައިވާތީ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ދައުވަތު ތަކުރާރު ކުރައްވާފައިވާ ކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
އެއާއެކު އެ ދައުވަތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމުގެ ފުރުސަތު އޮތް އެއް ތާރީޚަކީ އަންނަ މަހުގެ 26ވަނަ ދުވަސް ކަމަށް ޓީއޯއައިގައި ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް މޯދީގެ މި ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނު ވެއެވެ.
ފާގަކޮށްލެވޭ ގޮތުގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒުއާއި އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްއިން ވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުކިޔާފަ އެވެ. އެގޮތުން "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ.
މީގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ސަރުކާރުގެ އިސްވެރިންތަކެއް ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރުމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ހަމަ އެދުވަސްވަރު ރައީސް ވެސް ވަނީ އިންޑިއާއަށް ނިސްބަތްކުރައްވާ ރާއްޖެއަށް "ބުލީ" ކުރުމުގެ ހައްގު ނޯންނާނެ ކަމަށް ވިދާޅުވެ ނުސީދާކޮށް ރައްދުދެއްވާފަ އެވެ.
އެ މައްސަލައިގައި އިންޑިއާގެ މަޝްހޫރު ތަރިން ހިމެނޭހެން ރާއްޖޭ ބޮއިކޮޓް ކުރުމަށް ކެމްޕޭނެއް ހިންގާފައިވެ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރަން ފެށުމުން ސަރުކާރުން ވަނީ އިންޑިއާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ފަށާފަ އެވެ.