އުމުރުގެ ބޮޑު ބައެއް ފައިސާ ޖަމާކުރަން ހޭދަކުރުމަށްފަހު އިންޑޮނޭޝިއާއަށް ނިސްބަތްވާ ދެމަފިރިން އެންމެ ފަހުން ހައްޖަށް ދިއުމުގެ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ.

ލެގިމާންއާއި އޭނާގެ އަންހެނުން ވަނީ ސާޅީސް އަހަރު ދުވަސް ވަންދެން ހައްޖަށް ފައިސާ ޖަމާކުރުމަށްފަހު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފަ އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ލެގިމާން ބުނީ އޭނާއާއި އޭނާގެ އަންހެނުން ހައްޖަށް ދިއުމުގެ ހުވަފެނާއެކު ފައިސާ އެއްކުރަން ފެށީ 1986 ވަނަ އަހަރު ކަމަށެވެ.

އޭގެ ފަހުން ހަޔާތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މަޑުމަޑުން ފައިސާ އެއްކުރަމުން ގެންދިޔައީ ކަމަށް ލެގިމާން ބުންޏެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން، އަހަންނަށް ގަބޫލުވެސް ނުކުރެވޭ އަހަރެންގެ ހަމަލޮލުން ކައުބާ ދެކިލުމުގެ ނަސީބު ލިބުނުކަން" އޭނާ ބުންޏެވެ.

މިއަހަރު އިންޑޮނޭޝިއާއިން 221،000 އަށްވުރެ ގިނަ މުސްލިމުން ހައްޖަށް ދިޔައިރު ރާއްޖެއެކޭ އެއްފަދައިން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެ ގައުމަށް ވެސް ލުއި ފަސޭހަތަކެއް ލިބިފައިވެ އެވެ.