ކައިރި މުސްތަގުބަލެއްގައި ދެން ލޯބީގެ ގުޅުމަކަށް ގޮސް ކައިވެންޏެއް ކުރަން ބޭނުންނުވާ ކަމަށް ހޮލީވުޑްގެ ތަރި ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.
ޖޭލޯގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ ދެން އިތުރަށް ގުޅުމެއް ފެށުމުގެ ޝައުގުވެރިކަން ހިތުގައި ނެތް ކަމަށެވެ.
އެގޮތުން އޭނާގެ ދިރިއުޅުން މިވަގުތު ވަރަށް އުފާވެރި ކަމަށާއި އެހެންކަމުން އެކަން ބަދަލު ކުރަން ބޭނުންނުވާ ކަމަށް ވެސް ޖޭލޯ ބުނެފައިވެ އެވެ.
ޖޭލޯ މިހެން ވާހަކަ ދައްކާފައިވަނީ ދެ އަހަރު ދުވަހު ކައިވެނި ކޮށްގެން އުޅުމަށްފަހު އެކްޓަރު ބެން އެފްލިކްއާ ވަކިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެ ދެމީހުންގެ ކައިވެނީގައި މައްސަލަޖެހި ވަރިއަށް ހުށައަޅާފައިވާއިރު އެ ވަރި ކޯޓުން ސާބިތު ކޮށްދިނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ޖޭލޯ އެންމެ ފަހުން ފެނިގެންދިޔައީ "އަންސްޓޮޕަބަލް" އިންނެވެ. ކުރިއަށް އޮތް އޭނާގެ މަސައްކަތަކީ "ކިސް އޮފް ދަ ސްޕައިޑާ ވުމަން" އެވެ.