ސަރުކާރުން އައިނުގެ ވިޔަފާރި ކުރަން ތައްޔާރުވެއްޖެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށްފޯރުކޮށްދިނުމަށް، އައިޖީއެމްއެޗްގެ ހިމެނޭހެން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އައިނު ވިޔަފާރި ފަށަން އެމަނިކުފާނު ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދޭތީ، އެއާގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި އެފަދައިން ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިގައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުން ގާ އެޅުމުގެ ވިޔަފާރި ފުޅާކުރަން ވެސް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. އެގޮތުން އެކަން ކުރުމަށް ހާއްސަ ކުންފުންޏެއް ވެސް ރައީސް ވަނީ އިއްޔެ އުފައްދަވާފަ އެވެ.