ހައްޖުގެ އަޅުކަމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވެސް ހުވަފެނަކަށް ވާނެ ކަން ޔަގީނެވެ. މާލީ ގޮންޖެހުންތަކާއި ސިއްހީ އުނދަގޫތަކުގެ އިތުރުން ނުކުޅެދުންތެރިކަމާއެކު ވެސް ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އެ އަޅުކަން އަދާކުރެ އެވެ.
އެފަދަ އެކަކަކީ މެލޭޝިއާއަށް ނިސްބަތްވާ 62 އަހަރުގެ ޒާވިއާ މުހައްމަދު ނަމަކަށް ކިޔާ އަންހެނެކެވެ. މީގެ 38 އަހަރު ކުރިން ލޮލަށް ފެނުމުގެ ނަސީބުން މަހުރޫމް ވެފައިވާ ޒާވިއާ ވަނީ މިއަހަރު އޭނާގެ އާއިލާއާއެކު ހައްޖަށް ގޮސްފަ އެވެ.
ޒާވިއާ ބުނި ގޮތުގައި މީގެ ސާޅީހަކަށް އަހަރު ކުރިން އޭނާގެ ލޮލުގެ ފެނުން ގެއްލުނުއިރު ވެސް ހަޔާތުގެ ކޮންމެވެސް ދުވަހަކުން ހައްޖަށް ދިއުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އެ ހުވަފެން ހަގީގަތަކަށް ހަދައި ޒާވިއާއާއި އޭނާގެ ފިރިމީހާގެ އިތުރުން އަންހެން ދަރިފުޅު މިހާރު ތިބީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާގަ އެވެ.
"އަހަންނަށް އެއްޗެއް ނުފެނުނަސް އަހަންނަށް ހުރިހާ ކަމެއް އިހުސާސްވޭ. ކައުބާގެ ފާރުގައި އަތްލުމުގެ ފުރުސަތު ލިބި ތަލްބިޔާގެ އަޑު އިވުމުން އަހަންނަށް އެނގުނު ހައްޖަށް އާދެވުނީއޭ" ޒާވިއާ ބުންޏެވެ.
1987 ވަނަ އަހަރު ފެނުމުން މަހުރޫމްވި ޒާވިއާއަށް އޭނާގެ އުފަން ދަރިއަކު ވެސް ނުފެނެ އެވެ. ފެނުން ގެއްލުނު ފަހުން 1988 ވަނަ އަހަރު ޒާވިއާއަށް އޭނާގެ އަލަތު ދަރިފުޅު ލިބުނުއިރު އޭނާ އަޒުމު ކަނޑައެޅީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށެވެ.
ޒާވިއާގެ ހިތްވަރާއި ނުގުޑާ ފަދަ އަޒުމަކީ އެހެން މުސްލިމުންނަށް ހުރި ނަމޫނާ މިސާލެކެވެ. އެ ހިތްވަރުން ހިތްވަރު ލިބިގަނެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެވެ.