2023 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް 2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ދައުލަތުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ހާމަވެއްޖެ އެވެ.

މިއީ ގާނޫނު އަސާސީ އާއި މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއްކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފަ އެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު ޖުމްލަ 57.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ އެ އަހަރަށް ފާސްކުރި ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަށް ވުރެ 2.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި އިތުރު ހަރަދަކީ ބޭރުގެ ލޯނުތަކުން ކޮންޓްރެކްޓަރުންނަށް ދޫކުރި ފައިސާ ކަމަށްވެ އެވެ. އޮޑިޓަރުން ފާހަގަކުރެއްވި ގޮތުގައި، މި ހަރަދުތައް ދަރަނީގެ ތަފްސީލު ބަލަހައްޓާ ސިސްޓަމުގައި ރެކޯޑުކޮށްފައި ވީނަމަވެސް، ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑުކޮށްފައެއް ނުވެ އެވެ. އަދި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި ވެސް މި ހަރަދުތައް ހިމަނާފައެއް ނުވެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ހަރަދުކުރާ އަހަރުގައި އެ ހަރަދު ރެކޯޑުކުރުމަށާއި، ގަވާއިދުން ހަރަދުތައް ރެކޯޑުކޮށް ބެލެހެއްޓުމަށް ލަފާދެއްވާފަ އެވެ. މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލަ ބަލައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.