ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސޯނޫ ސޫދު ހެލްމެޓް ނާޅާ ސައިކަލު ދުއްވާ ވީޑިއޯއެއް އާއްމުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން އެބަދެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަނީ ހެލްމެޓާއި އެނޫން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި އިންޑިއާގެ ސްޕިޓި ވެލީގައި ސޯނޫ ސައިކަލު ދުއްވާ މަންޒަރެވެ.
މިއާއެކު ގިނަ ބަޔަކު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު މަޝްހޫރު މީހަކަށް ވީތީ އޭނާގެ މައްޗަށް ގާނޫނު ނުހިނގަނީތޯ ވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފަ އެވެ.
"ސޯނޫއަކީ ޒުވާނުންނަށް އެކި ގޮތްގޮތުން ނަމޫނާ ދައްކައިދިން އެކްޓަރެއް. މިކަހަލަ ކަންކަމަށް ތަރުހީބު ނުދީ" އިންޓަނެޓުގައި ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
ސޯނޫއަކީ ކޮވިޑް 19ގެ ދުވަސްވަރު އިންސާނިއްޔަތަށް ޚިދުމަތް ކޮށްދިނުމުގައި އިންޑިއާއިން ފާހަގަ ކޮށްލެވުނު އެކްޓަރެކެވެ. އޭނާގެ އަމިއްލަ ހަރަދުގައި އެތައް ބަޔަކަށް ސިއްހީ ފަރުވާ ފޯރުކޮށްދީފައިވެ އެވެ.
އިންޑިއާގެ އެއްވެސް ހިސާބެއްގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވުމަކީ އެ ގައުމުގެ ގާނޫނުން އަދަބު ކަނޑެއެޅިގެންވާ ގާނޫނީީ ކުށެކެވެ.