ރާއްޖޭގެ ބައެއް ކަމަށްވާ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބިއްޖެ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެނަސް ރާއްޖޭގެ ސަރުކާރަކަށް ވެސް، ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީއަކަށް ވެސް އެކަން، މާބޮޑު ކަމަކަށް ނުވި އެވެ. އެކަމާ ބެހޭ ބަޔާނެއް ނެރެލައިކަން ބޮޑުވުން ފާޅުކޮށްލި އެއްވެސް އިދާރާއެއް ނެތެވެ.

ރާއްޖޭގެ ރަށްތަކެއްގެ ގޮތުގައި ކުރީ ޒަމާނުގައި އޮތް ފޯޅަވަހީގެ ރަށްތައް ރާއްޖޭގެ އަތްދަށުން ދިޔައީ އިންޑިޔާ ކަނޑަށް ފަރަންސޭސިން އައި އައުމުގައި އެ ރަށްތަކަށް ވެރިވެ، އިސްތިއުމާރު ކުރި ހިސާބުންނެވެ. 18 ވަނަ ގަރުނުގައި ފަރަންސޭސިން އެ ރަށްތަކަށް ވެރިވިއިރަކު އެއިން އެއްވެސް ރަށެއްގައި ބަޔަކު ނޫޅެ އެވެ. އެ ރަށްތަކެކޭ އެއްފަދައިން މޮރިޝަސް އާއި ސީޝެލްސްއަކު ވެސް އޭރަކު ބަޔަކު ނެތެވެ.

މޮރިޝަސް އާއި ސީޝެލްސްއަކީ ވެސް މޮޒަންބީކުންނާއި މަޑަގަސްކަރައިން، އަޅުން ގެންގޮސް މަސައްކަތް ކުރުވި ތަންތަނެވެ. އިނގިރޭސިންނާއި ފަރަންސޭސިން ކުރި ހަނގުރާމައެއްގައި އިނގިރޭސިންގެ އަތުން ފަރަންސޭސިން ބަލިވުމާއެކު އިންޑިއާ ކަނޑުގެ ފަރަންސޭސިންގެ ބެލުމުގެ ދަށުގައި ހުރި ރަށްތައް އިނގިރޭސިންނަށް ލިބުނެވެ.

އޭރުއްސުރެ މޮރިޝަސްއާއި ސީޝެލް އާއި ފޯޅަވަހީގެ ރަށްތައް އޮތީ އިނގިރޭސިންގެ ބެލުމުގެ ދަށުގަ އެވެ. އޭރު އިނގިރޭސިންގެ ބާރު އިންޑިއާ ކަނޑުގައި އޮތީ އިންތިހާއަށް ގަދަވެފަ އެވެ. އިންޑިއާއަކީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ހިންގަމުން އައިއިރު ސްރީލަންކާ ވެސް އޮތީ އެ މީހުންގެ ދަށުގަ އެވެ. ރާއްޖެއަށް އެމީހުން އަތްގަދަ ނުކުރި ކަމަށް ވިޔަސް ރާއްޖެ ވެސް އޮތީ އެ މީހުންގެ ހިމާޔަތުގެ ދަށުގައި ބަނދެވިފަ އެވެ. އުތުރުން މަލިކާއި ދެކުނުން އައްޑު އަތޮޅު ގަމާއި ފޯޅަވަހި އޮތީ އެމީހުންގެ އަތް ދަށުގަ އެވެ. އިންޑިއާ ކަނޑުން އިނގިރޭސިން ދިއުމަށް ފަހު މޮރިޝަސް އާއި ސީޝެލްސްއަށް މިނިވަންކަން ދިނެވެ. ފޯޅަވަހީގެ ރަށްތައް އޮތީ އިނގިރޭސި އިންޑިއާ ކަނޑުގެ ބައެއްގެ ގޮތުގަ އެވެ. އޭރު އަދި އައްޑޫ ގަން ވެސް އޮތީ އިނގިރޭސިންގެ ދަށުގަ އެވެ. 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނު އިރު ވެސް ކަން އޮތީ އެހެންނެވެ.

މޮރިޝަސް އިން ފޯޅަވަހީގެ ރަށްތަކުގެ މިލްކުވެރިކާމެދު އދ. އާއި އެހެން ވެސް ބައިނަލްއަގުވާމީ އިދާރާތަކުގައި ވަކާލާތުކުރަމުން އައިއިރު ރާއްޖެ ބުރަވީ އިނގިރޭސިންގެ ކޮޅަށެވެ. ރާއްޖޭގެ އޭރުގެ ސަރުކާރުތަކަށް ވިސްނިފައި އޮތީ އިނގިރޭސިންގެ އަތުން ފޯޅަވަހީގެ ރަށްތައް އަތުލުމަކީ ނުވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބައިނަލްއަގުވާމީ އިދާރާތަކުގައި މޮރިޝަސްގެ ކޮޅުގަދަވަމުން އައުމާއެކު އިނގިރޭސިން އެ ރަށްތައް ދޫކޮށްލަން ނިންމި އެވެ. އޭރު އެ މައްސަލަ އޮތީ ކޯޓު މަރުހަލާގަ އެވެ

މޮރިޝަސްއިން ފޯޅަވަހީގެ މިލްކުވެރިމަކަށް ކުރި ދައުވާ ކޯޓުގައި ކުރިޔަށް ދަނިކޮށް އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސްއަށް ހާއްސަ ސިޓީއެއް ފޮނުވި އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވެވި އެ ސިޓީގައި އޮތް އެއްޗެއް ސަރުކާރުން ހާމަނުކުރި ކަމަށް ވިޔަސް އެ ސިޓީއަކީ ފޯޅަވަހީގެ މިލްކުވެރިކަމަށް ދިވެހި ސަރުކާރުން ވަކާލާތު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ސިޓީއެއް ކަމަށްވެ އެވެ. ގާނޫނީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މޮރިޝަސްއަށް އެ މައްސަލަ ކާމިޔާބުވުމަށް ރައީސް ސޯލިހުގެ ސިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

މޮރިޝަސްއަށް ފޯޅަވަހި މިލްކުވުމުގައި މުހިންމު ދައުރެއް އަދާކުރި ސިޓީ ރައީސް ސޯލިހު ފޮނުއްވުމުގެ ދުވަސްކޮޅެއް ފަހުން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އަ އެވެ. އެ ވެރިކަން ނިމި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން އައީ ގެއްލުނު ފޯޅަވަހި އަލުން ރާއްޖެއަށް ހޯދައިދޭނެކަމުގެ ވައުދާއެކު އެވެ. އެހެން ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު އެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި މިހާތަނަށް ބުނެފައި ވަނީ އިނގިރޭސިވިލާތަށް ސިޓީއެއް ފޮނުވިކަމުގަ އެވެ. އެހެން ނަމަވެސް އެ ސިޓީގައި ލިޔެފައި އޮތީ ކޮން ވާހަކައެއް ކަމެއް ވެސް ސަރުކާރަކުން ހާމައެއް ނުކުރި އެވެ.

ރައީސް ސޯލިހުގެ މޮރިޝަސް ސިޓީއާއި ރައީސް މުއިއްޒުގެ އިނގިރޭސިވިލާތުގެ ސިޓީގައި ލިޔެފައި އޮތް އެއްޗެއް ދިވެހި ރައްޔިތުންނަށް އެނގޭނެ ގޮތެއް ނެތެވެ. ގައުމީ ސަލާމަތަށްޓަކައި އެ ދެސިޓީ ވަނީ ސިއްރުކޮށްފަ އެވެ.

އިނގިރޭސިން މޮރިޝަސް އަށް ފޯޅަވަހި ހަވާލުކޮށްފި އެވެ. ދިވެހިންގެ މިލްކެއް އަތުން ބީވެގެން ދިޔައިރު އެކަމަށް މަގު ފަހިކޮށްދިން މީހުންނާއި އެކަމަށް އެހީތެރިވެދީ މައްސަލަ އޮއްބާލި މީހުންގެ ވާހަކަ ތާރީޚުގައި ލިޔެވޭނެ ގޮތެއް އެނގޭނީ ފަހުގެ ޖީލުތަކަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފޯޅަވަހި ގެއްލުމުގެ ހިތާމަ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުރެ އެވެ. އެކަމާމެދު އެއްޗަކޭ ނުބުނެ ތިބީ އެކަން އޮގޮތަށް ނިމި ދިއުމަށް އެހީތެރިވި މީހުންނާއި އެ ކަމަށް ރުހިގެން ތިބި ސިޔާސީ މީހުންނެވެ. ރައީސް ސޯލިހާއި ރައީސް މުއިއްޒުގެ ސިޓީއަކީ ދިވެހިންގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހި ދެ ސިޓީ އެވެ. މޮރިޝަސްއަށް ފޯޅަވަހި ލިބުމުގައި އެ ދެސިޓީގެ ދައުރު ބޮޑެވެ.