ފުލުހުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކި އުފައްދަމުން ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލުމަށްފަހު ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ދައުލަތުން މިއަދު ރައީސް ޔާމީނާ މެދު އަމަލު ކުރަމުންދަނީ ވަކި އުސޫލަކަށް ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ އެހެން ފަރާތްތަކަށް އެކިވަރުގެ ލުއިތައް ދީފައިވާކަން ޖަމީލް ފާހަގަކުރެއްވި އެވެ.

"މިކަންކަން ކުރުމުގެ ސަބަބުން ރައީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައި،" ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރި ދައުވާގައި ދައުލަތުން އިސްވެ ހެކި އުފައްދާކަން މިހާރު ހާމަވެފައިވާ ކަމަށާއި އިންސާފުވެރިކޮށް ނުހިންގާ ތަހުގީގަކުން ލިބޭނެ އިންސާފެއް ވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެފަދަ ނުފޫޒުތައް ހުއްޓުވައި ރައީސް ޔާމީނަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދާއެކު ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. އަދި ރައީސް މުއިއްޒު އައްޔަން ކުރެއްވި ޕްރޮސިކިއުޓާ ޖެނެރަލް ވެސް ނުހައްގު ދައުވާތައް ކުރިއަށްގެންދަނީ ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ދިފާއީ ހެކީންނަށް ފުލުހުން ނުފޫޒުފޯރުވިކަން މިއަދު ހާމަވެފައިވާއިރު، އެކަމުން އެނގެނީ އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެކަން ކަމަށް ޖަމީލް ފާހަގަ ކުރެއްވި އެވެ.