ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ގައި ބައިވެރިވުމަށް އެދި 658 ފަރާތަކުން ހުށަހަޅާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ތަސްދީގުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިހާތަނަށް 658 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ. އެއީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިންނެވެ.

މީގެ ތެރެއިން 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު މިޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށައަޅާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިޕްރޮގުރާމްގެ ތެރެއިން އަހުލާގު ރަނގަޅު، ދީނީ، މަސައްކަތްތެރި ކުދިން ނެރެވޭނެ. ޕްރޮގުރާމް ފުރިހަމަކުރުމަށްފަހު ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަދެވޭނެ. ބޭނުން ނުންވަންޏާ އެހެން ދިމާއަކުންވެސް ކުރިއަށް ދެވިދާނެ. މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިންގެ ތެރެއިން ވަރަށް ގިނަ ކުދިން މަދުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަމާޒަކީ މި އަހަރު 1،000 ޒުވާނުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުކުރުން ނަމަވެސް ވަސީލަތްތައް ހުރި މިންވަރުން، ފުރަތަމަ ބެޗުގައި އެއްފަހަރާ އެ އަދަދަށް މީހުން ނުނެގިދާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު ބެޗެއް ކުރިއަށް ގެންދާނެ ކަމަށާއި އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން 4،000 މީހުން ތަމްރީނު ކުރުން ކަމަށެވެ.

އަންނަ މަހުގެ އެކެއްގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭ ގޮތަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ފަށާނެ ކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.