ބޮސްޓަން (މޭ 24) - ދުނިޔޭގެ އެންމެ ވަތުގަދަ އެއް ޔުނިވާސިޓީ، އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ބޭރު ގައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅި ފިޔަވަޅު އެމެރިކާގެ ކޯޓަކުން ހުއްޓުވައިފި އެވެ.
ހާވާޑާ ދެކޮޅަށް ޓްރަމްޕް އެޅި މި ފިޔަވަޅުގެ ސަބަބުން އެ ޔުނިވާސިޓީގައި ކިޔަވަމުންދާ އެތައް ހާސް ބައިނަލްއަގުވާމީ ދަރިވަރުން ކިޔެވުން ދޫކޮށް ދާން ޖެހޭއިރު، މީގެ ސަބަބުން ޔުނިވާސިޓީއަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމަށް ހާވާޑުން ވަނީ ބުނެފަ އެވެ.
ހާވާޑުން ބުނީ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ބައިނަލްއަގުވާމީ ދަރިވަރުންނާއި ނުލައި އެ ޔުނިވާސިޓީ ހާވާޑަށް ނުވާނެ ކަމަށެވެ. 389 އަހަރުވެފައިވާ މި ޔުނިވާސިޓީ އިން އެންމެ ފަހުން ވެސް ގާތްގަނޑަކަށް 6،800 ބައިނަލްއަގުވާމީ ދަރިވަރުން ވައްދާފައިވާއިރު، މިއީ އެ ޔުނިވާސިޓީގެ ދަރިވަރުންގެ 27 އިންސައްތަ އެވެ.
އެމެރިކާގެ ސަރުކާރުން ބަލަހައްޓާ ޑާޓާބޭސްއެއް ކަމަށްވާ ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ ޕްރޮގްރާމް (އެސްއީވީޕީ) އަށް ވަނުމުގެ ހުއްދަ ހާވާޑުގެ އަތުން އަތުލުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ނިންމުމާއެކު ހާވާޑުން މި މައްސަލަ ކޯޓަށް ހުށަހެޅި އިރު، އެމެރިކާގެ ކޯޓަކުން ވަނީ ޓްރަމްޕްގެ މި ނިންމުމަށް އަމަލުކުރުން ހުއްޓުވަން އަމުރެއް ނެރެފަ އެވެ.
ހާވާޑާއި ޓްރަމްޕްގެ ސަރުކާރާއި ދެމެދު އޮތް ކޯޅުމުގައި މިފިޔަވަޅު އަޅާފައިވާއިރު، މިކަމުގެ ތެރެއަށް ވަންނަ ޔުނިވާސިޓީތަކާއި ލޯ ފާމުތަކާއި މީޑިއާތަކާއި ކޯޓުތަކާއި އެނޫންވެސް އިދާރާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފަ އެވެ.
ހާވާޑާއި ޓްރަމްޕާއި މެދު މި ކޯޅުންގަނޑު ފެށިފައި ވަނީ އެމެރިކާގެ ރައީސް ކަމާއި ޓްރަމްޕް ހަވާލުވެ، ސަރުކާރުގެ ފަރާތުން ހާވާޑަށްދޭ 3 ބިލިއަން ރުފިޔާގެ ފަންޑު ކަނޑާލުމަށް ނިންމުމާ ގުޅިގެންނެވެ. ހާވާޑުން ވަނީ މި މައްސަލާގައި ވެސް އެމެރިކާގެ ސަރުކާރާއި ދެކޮޅަށް ދައުވާކޮށްފަ އެވެ.