އުމުރުން އެންމެ 14 އަހަރުގައި ހުސް ވަގުތުގައި ފޫހިވާތީ އުޅުމުން އޭނާގެ ބައްޕައަށް ފެނުނީ ގޭމްތަކާއި ސޯޝަލްމީޑިއާއާ ދަރިފުޅު ބަލަން ހަވާލު ކުރުމަށް ވުރެ ބައްޕަކުރާ މަސައްކަތުގައި ބިޒީކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް ކަމުގަ އެވެ. ވީމާ ބައްޕަގެ ވަޅޯމަހުގެ ވިޔަފާރީގައި އަތް ގާތްކޮށްދިނުމަށް އައުމަށް ބުނެ އޭނާ މަސައްކަތުގެ މާހައުލަކަށް ނެރުނެވެ. އެ ދުވަހެއްގައި ކުރާ މަސައްކަތައް އުޖޫރައެއް ވެސް ދޭ ގޮތަށެވެ.
ހއ. ދިއްދޫއަށް އުފަން އެ ރަށު ހުދުވެލި، އަހުމަދު ރާއިފް ވަހީދު (ރާއިފް) އަކީ ބައްޕައަށް އަތްގާތް ކޮށްދިނުމަށް އުޅުމުގެ ތެރެއިން މަހުގެ ވިޔަފާރި ދަސްވި ޒުވާނެކެވެ. ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ހަތެއްގައި އުޅުނު އިރު އޭނާގެ ބައްޕައަށް ފޫހިވެގެން އުޅޭކަން ފާހަގަވެ، ބައްޕަ މަސައްކަތް ކުރާ މަސް ކައްކާ ސަރަހައްދަށް އައުމަށް އެންގި އެވެ.
ބޮޑު އާއިލާއެއްގެ އެންމެ ހަގު ކުއްޖާއަށް ވުމުން ދޮއްޓަށް ތިބި ކުދިންގެ އެހީތެރިކަން އަބަދުވެސް އޭނާއަށް ލިބެ އެވެ. އުމުރުން ހަގުވުމުން، ފުރަތަމަ އޭނާއާ ހަވާލުކުރީ އޭނާއަށް ކުރެވޭ ކަހަލަ އާދައިގެ މަސައްކަތެކެވެ. އެއީ ބަރޯއަކަށް މަހުގެ ބޯއަޅައި ބަރުކޮށްގެން އުކާލުމެވެ. ރާއިފް އާއި އެ ދުވަހެއްގައި ހަވާލުކުރެވޭ މަސައްކަތް ފުރިހަމަ ކުރުމުން އެމަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރަ އޭނާގެ ބައްޕަ ދެއެވެ.
ފައިސާގެ މުހިންމުކަން ވިސްނެން ފެށުން
އެ ފައިސާ އޭރު އޭނާ ބޭނުންކުރީ އެމުރުގެ އެހެން ކުދިން ފަދައިން މެޓާ، ޗޮކުލެޓް، ނުވަތަ މީރު ބުއިންތައް ގަނެގެން ކައިބޮއެ މަޖާކުރުމުގަ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ކުރާ މަސައްކަތަށް އެ ދުވަހަކަށް ކަނޑައެޅިފައިވާ އުޖޫރަ ލިބުމާއި، ލިބޭ ފައިސާއަށް އެހެން މީހުން ކަންތައް ކުރާ ގޮތް ކުރިމަތިން ފެންނަން ފެށުމުން އޭނާގެ ވިސްނުން ބަދަލުވި އެވެ. ފައިސާގެ މުހިންމުކަން އެނގެން ފެށި އެވެ. އަދި އެ ރައްކާކޮށް، ކޮންމެވެސް ހަރުދަނާ ގޮތަކަށް އޭގެ ބޭނުންކުރަން ބޭނުންވި އެވެ.
ބަރޯގައި މަހުގެ ބޯތައް އުކަން ރަނގަޅަށް ދަސްވުމުން ދެން އޭނާއާ ހަވާލުކުރެވުނީ ކިރައިގެން ގެންނަ މަސްތައް ދާގަނޑަށް އަޅައި މަސްތައް ޖަހަން ދަސްކޮށްދެވުނެވެ. އެގޮތަށް ފަހަރަކު މަސައްކަތެއް ކުރަމުން ގޮސް މިއަދު އޭނާގެ ބައްޕަގެ ވަޅޯމަހުގެ ވިޔަފާރީގައި ކުރަން ނޭނގޭނެ އެއްވެސް ކަމެއް ނެތެވެ.
"ބައްޕަ ބޭނުން ވަނީ ބޭރު މުވައްޒަފުން ލައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބައްޕަގެ ދަރިން މި މަސައްކަތުގައި އެހީތެރިވެ އުޅެން. އެހެންވެ އަޅުގަނޑުވެސް މި މަސައްކަތަށް ނެރުނީ،" ރާއިފް ބުންޏެވެ.
އޭނާގެ ބައްޕަ އިސްވެ ހުރެގެން ހިންގާ މި މަސައްކަތުގައި ނުވަ ވަރަކަށް މުވައްޒިފުން ގެންގުޅޭއިރު، އޭގެ ތެރޭގައި ގިނައީ ގޭގެ ކުދިންނެވެ. އަމިއްލަ ދަރިންނެވެ. އެ ހުރިހާ ކުދިން ވެސް ރާއިފްއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ރާއިފް ކުރާ މައިގަނޑު މަސައްކަތަކީ ދިއްދޫގެ މަސްދޯނިތަކުން ބާނާމަސް ކިރައި، ވަށިގަނޑުތަކަށް އަޅައިގެން ޕިކަޕެއްގައި މަސް ކަނޑާތަނަށް ގެނެސް، މަސްތައް ކަނޑައި ދިނުމުން އެ މަސްތައް ދާގަނޑަށް އެޅުމެވެ. އެއަށްފަހު 30 މިނެޓް ވަންދެން ލޮނު އެއްކޮށްފައިވާ ހޫނު ފެންގަނޑެއްގައި ކައްކާލެވެ އެވެ. އަދި ޓިނުގަނޑެއް މަތީ އަތުރާލާފައި ފަންކާއަކުން ކޮންމެވެސް ވަރަކަށް ހިހޫ ކޮށްލުމަށްފަހު ދެން އެ މަސްތައް ފަޅައި މެދު ކަށި ނަގަ އެވެ.
އެއަށްފަހު ދުމަށިމަތީ އަތުރާލައިފައި ބޮބިއަޅައިގެން ތިރިން އަލިފާން ލައިގެން އެމަސްތައް ވަޅޯކޮށްލުމުން ވަޅޯމަސް ހެދުނީ އެވެ. އިތުރަށް ހަރުކުރަން ބޭނުން ނަމަ އެމަސްތައް އަވިން ހިއްކާލެވެ އެވެ.
އެހެނިހެން މުވައްޒަފުންނަށް މުސާރަދޭ އުސޫލުން އޭނާއަށް ވެސް މުސާރަ ލިބެ އެވެ. އެ ފައިސާ އެއްކޮށްގެން މުހިންމު ކަންތައްތަކެއް ވެސް ކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ.
"މިއީ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް. މިމަސައްކަތް ކޮށްގެން ހޯދާ ފައިސާއިން އަޅުގަނޑު އަމިއްލަ ކަންތައް ކޮށްލެވޭ. މިހާރު އަމިއްލަ މަސައްކަތުން ގޭގާއި އަޅުގަނޑަށް ކޮޓަރިއެއް ވެސް ހެދިއްޖެ. ހަމަ އަމިއްލަ މަސައްކަތުން ހޯދި ފައިސާގައި ކެޑޭޓް ކޭމްޕް ވެސް ދިޔައިން. އަމިއްލަ މަސައްކަތުން އަމިއްލައަށް މިގޮތަށް ހޯދާ ފައިސާއިން ޚަރަދުކޮށްލަން ލިބުމުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރާއިފް ބުންޏެވެ.
އުމުރުން 14 އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ކިޔެވުމަށްފަހު އޭނާއަށް ލިބޭ ހުރިހާ ހުސް ވަގުތެއް ހޭދަކޮށްފައި ވަނީ މަހުގެ މަސައްކަތުގަ އެވެ. ނަމަވެސް އޭނާއަކީ ހޮބީއެއްގެ ގޮތުގައި ފުޓުބޯޅަ ކުޅޭ ޒުވާނެކެވެ. ކެޑޭޓް އިންސްޓްރަކްޓާ ޓްރެއިނާ އެކެވެ. ދިއްދޫގެ ކުރިއެރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ "ދި ފައުންޑޭޝަން" ޖަމިއްޔާގެ ވޮލަންޓިއާއެކެވެ.
މިއަހަރުގެ ޑިސެމްބަރު 18 އަހަރު ފުރޭ ރާއިފްއަކީ އާއިލީ ވިޔަފާރި ކަމަށްވާ ވަޅޯމަހުގެ މަސައްކަތް ވަރަށް މޮޅަށް ދަންނަ ޒުވާނެކެވެ. ރަށުގެ އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ކުރާ ހީވާގި މީހެކެވެ. މުސްތަގުބަލުގައި އޭނާ ބޭނުން ވަނީ އެމްއެންޑީއެފް ނުވަތަ ޕޮލިހުގައި މަސައްކަތް ކުރާށެވެ. ގައުމަށް ޚިދުމަތް ކުރުމަށެވެ.
މިއީ މިއަދުގެ މައިންބަފައިން ވިސްނާލުން މުހިންމު ނުކުތާއެކެވެ. ޅައުމުރުގައި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި މުޖުތަމައުގައި މީހުން ކޮށްއުޅޭ މަސައްކަތްތައް ދަރިން ނެރެ، ތަފާތު މަސައްކަތް ދަސްކޮށްދިނުމަކީ އެ ކުދިންގެ ފޮރުވިފައިވާ އެތައް ހުނަރެއް ތިލަވާން މެދުވެރިވާނެ ސަބަބެކެވެ. މަސައްކަތް ކުރުމަށް ހިތްޖެހުމާއި، ވަގުތާއި ފައިސާގެ މުހިންމުކަން ދަސްވާނެ ވެސް ކަމެކެވެ.