ހައިކޯޓާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ހިމެނޭހެން 12 ބޭފުޅަކު ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވީ ދެ ފަނޑިޔާރެއްގެ މަގާމެވެ. އެއީ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.
ހުސްވި ދެ މަގާމަށް ކުރިމަތިލާން މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލީ މިއަދުގެ މެންދުރު 12 ޖަހަންދެނެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ފައިސަލް އާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
- މުހައްމަދު ފައިސަލް، ވީނަސް/ބ. ފުޅަދޫ (ހައި ކޯޓުގެ އިސް ފަނޑިޔާރު)
- މުހައްމަދު ވަހީދު އިބްރާހީމް، މއ. އައިވަރީހައުސް (ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު)
- އިބްރާހީމް އަލީ، އަންމޮލް
- މުހައްމަދު އިބްރާހީމް، ދާރުއްސަލާމް /ގއ. ކޮނޑޭ
- އަބްދުﷲ ހަމީދު، ނޫރާނީމާގެ /ނ. ހެނބަދޫ (ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު)
- އަބްދުއްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް (ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު)
- އަހުމަދު ހައިލަމް، އޯޝަންލީޑް /ސ. ހިތަދޫ (ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ)
- ޝުޖާއު އުސްމާން، ހިލިހިލާއާގެ/ގއ. ވިލިނގިލި (ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު)
- މުހައްމަދު ސަލީމް، މޯނިންވިލާ /ފ. ބިލެތްދޫ (ހައި ކޯޓުގެ ފަނޑިޔާރު)
- މުހައްމަދު ރާގިބު އަހުމަދު (ކުރީގެ ފަނޑިޔާރެއް؛ މި ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރުއްވި)
- އައިޝަތު ފަޒުނާ އަހުމަދު، ދަފްތަރު ނަންބަރު ރސ 5514 (ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލް)
- މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް؛ ސިވިލް ކޯޓުގެ ކުރީގެ ގާޒީ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައިވައި ވުމާއި، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތަސް އެ ދެ ބޭފުޅުންނަށް އެ ފުރުސަތު ނުދޭން ކޮމިޓީން ނިންމި އެވެ.