ރާއްޖޭގައި އުޅޭ ދޫނިތަކުގެ ހާލަތު ދެނެގަތުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ން ދިރާސާއެއް ކޮށްފި އެވެ.

ރާއްޖޭގައި އާލާވާ އަދި އާންމުކޮށް ފެންނަ ދޫނިތަކުގެ ހާލަތު ދެނެގަތުމަށް އީޕީއޭ އިން ފުރަތަމަ ފަހަރަށް ކުރި ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގައި އައިންމަތީ ދޫނިތަކުގެ އާބާދީ ދަށްވަމުން އަންނަ އިރު، ކުރިން ގިނައިން ފެނުނު ތޭރަވާ މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ގެއްލިފަ އެވެ.

ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަހާ ދިމާކޮށް އީޕީއޭ އިން ނެރުނު "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު" ރިޕޯޓުގައި ބުނެފައިވަނީ އައިންމަތީ ދޫނިތައް މަދުވުމާއި ބައެއް ރަށްރަށުން އެއްކޮށް ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަށްރަށަށް އަންނަ އުމްރާނީ ތަރައްގީއާއި، ވެލި ނެގުމާއި، ގަސްގަހާގެހި ކެނޑުމާއި، ވިޔަފާރިކުރުމަށް ދޫނީގެ ބިސް ނެގުމާއި ދޫނި ހިފުން ހިމެނޭ ކަމަށެވެ.

އައްޑޫގެ ރަމްޒެއްގެ ގޮތުގައި ބެލެވުނު ދޮންދީނި މިހާރު ހުވަދޫގައި ވެސް އާލާވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ގައުމީ ދޫނި ކަމަށްވާ ކަނބިއްޔާގެ އާބާދީ ވެސް މަދުވަމުންދާ ކަމަށާއި ބައެއް ރަށްރަށުން މި ދޫނި އެއްގޮތަކަށް ވެސް މިހާރު ނުފެންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން، ތޭރަވާއަކީ މީގެ ކުރިން ރާއްޖޭގައި ވަރަށް އާންމު އަދި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ފެނުނު ދޫންޏެއް ނަމަވެސް މި ދޫނި މިހާރު ރާއްޖެއިން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ގެއްލިފަ އެވެ. މި ދޫނި ނުފެންނަ ސަބަބުތަކުގެ ތެރޭގައި ފަޅު ކޮނުމާއި ބިން ހިއްކުމާއި ވެލި ނެގުމާއި ރިސޯޓު ތަރައްގީކުރުމުގެ ސަބަބުން ފިނޮޅުތަކަށް ގެއްލުން ލިބުން ހިމެނެ އެވެ.

ދޫނިތަކުގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ދޫނިތަކާ ގުޅޭ މައުލޫމާތު އެއްކުރުމާއި، ރަށްތައް ތަރައްގީކުރާއިރު ދޫނިތަކަށް ގެއްލުން ނުވާނެ ގޮތްތައް ހޯދުމާއި، ދޫނިތަކުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.