އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީގެ ނިސްބަތަށް ބަލައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންގެ އަދަދު ބަދަލުކޮށް ކަނޑައަޅަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، އަތޮޅު ކައުންސިލުގެ ނަމުގައި ވަކި ކައުންސިލެއް ނުބާއްވާ ގޮތަށް ހުށަހަޅަން ވިސްނާފައިވާ ކަމަށެވެ.

ރައީސް ފާހަގަކޮށްފައިވާ ގޮތުގައި މިހާރުގެ ނިޒާމުގައި އަތޮޅު ކައުންސިލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރޭގައި، ރަށު ކައުންސިލުތަކުގެ ރައީސުން އަތޮޅު ކައުންސިލަށް އައުމުން އެމީހުންނަށް މުޅި އަތޮޅުގެ މަސްލަހަތަށްވުރެ އެމީހުންގެ ރަށުގެ މަސްލަހަތު އިސްކުރެވުމާއި، ކައުންސިލަރުންނަށް އެއްތަނަކަށް ދެވޭ ގޮތް ނުވުމުގެ ސަބަބުން ގިނަ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން ޖެހުން ހިމެނެ އެވެ.

ދެން މިއީ ކައުންސިލް. އަތޮޅުގެ ކައުންސިލް. ދެން މީގައި މިވާ ގޮތަކީ، އަތޮޅު ކަމެއްގައި މަޝްވަރާ ކުރަން ބައްދަލުކުރިޔަސް، އެ ރަށެއްގެ މަސްލަހަތު، އެ ރަށެއްގެ ކައުންސިލް ރައީސަށް މި އިސްކުރެވެނީ. އެހެންތާ ވާނީ، އޭނައަކީ ވަކި ރަށެއްގެ ކައުންސިލް ރައީސް. މުޅި އަތޮޅާ ބެހޭގޮތުން ވާހަކަ ދެއްކޭވަރު، އޮބްޖެކްޓިވްލީ ވަކިއަތަކަށް ނުޖެހި ދެއްކޭވަރު ކުޑަ،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އާބާދީގެ ނިސްބަތަށް ބަލައި ކައުންސިލުތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމަށް ހުށަހަޅުއްވާނެ އެވެ. އެގޮތުން:

- 2000 އަށްވުރެ ކުޑަ އާބާދީތަކުގައި 3 ކައުންސިލަރުން

- 2000 އަށްވުރެ ބޮޑެތި އާބާދީތަކުގައި 5 ކައުންސިލަރުން

- ސިޓީ ކައުންސިލުތަކުގެ މެންބަރުންގެ އަދަދު އިތުރު ނުކުރުން

މީގެ އިތުރުން، ޑަބްލިއުޑީސީތަކުގެ މެންބަރުންގެ އަދަދު 3 ނުވަތަ 5 އަށް ކުޑަކުރެވޭނެ ކަމަށާއި، ޑަބްލިއުޑީސީގެ ރައީސާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ގޮތަށް ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލުތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އަދަދު 33 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރަން ނިންމަވާފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.