އަނިޔާވެރިކަމުގައި ބައިވެރިވާ އެންމެންނަށް ވެސް އޭގެ ހިތި ނަތީޖާ ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ޑރ. އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަނިޔާ ލިބޭ މީހާގެ ބަދުދުއާއިން ރައްކާތެރިވުމަށް އަންގަވާފައި ވަނީ އެފަދަ އެތައް ސަބަބަކަށްޓަކައި ކަމަށެވެ. އަދި ވޯޓު ދެއްވުމުގެ ކުރިން ވިސްނުމަށާއި، ވަގުތީ ފައިދާއަކަށްޓަކައި ދާއިމީ ހިތާމައެއްގެ ތެރެއަށް ނުވެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޭނާ ގޮވާލައްވާފައިވެ އެވެ.

އިތުރަށް ޑރ. އިޔާޒް ވިދާޅުވެފައިވަނީ، ފަނޑިޔާރުން ވަކިކޮށް މުހައްމަދު މުއިއްޒު ބޭނުންވާ ބެންޗެއް އެކުލަވާލެއްވުމަށްފަހު، މިހާރު ލިބިވަޑައިގަންނަވާ ކުލަކުލައިގެ ސިޓީއުރަތައް ހުއްޓުމަކީ ވެސް ދުރުކަމެއް ނޫން ކަމަށެވެ.

މި ބަސްފުޅުތައް ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުއަށް ޖުޑީޝަރީ ކޮމިޓީގައި ވެސް ޖަވާބުދާރީވާން ފުރުސަތު ނުދީ މަގާމުން ވަކިކުރަން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

ފެބްރުއަރީ 26 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއް ސުއޫދު ވޫދު ވެސް ސަސްޕެންޑު ކުރެވުނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި ހުސްނުއް ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.