ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.