ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއީ ދެވަނައެއް ނެތް ނަމޫނާ ނަރުހެއް. ހިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވި ނަމަވެސް، އެންމެ ފުރަތަމަ ދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވަނީ ހީވާގިކަމާއި އެހާމެ އިޚްލާސްތެރިކަމާއެކު. ވެރިން އަދި އެކުގައި މަސައްކަތް ކުރައްވާ ސްޓާފުންގެ ލޯތްބާއި އިތުބާރު އޭނާއަށް ލިބިފައިވޭ. ސިއްހީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި ވެސް ބަލިމީހުންނަށް ޚިދުމަތް ކުރަން މަސައްކަތުގެ ތަޖުރިބާ ހުރި މީހުން ތިބުމަކީ އެތަނުގެ މަސައްކަތް އަމާންކަމާއި އޮމާންކަމާ އެކީ ކުރިއަށް ދިއުމަށް މުހިންމު ބާރަކަށް ވާނެ ކަމެއް ކަމަށް އޭނާ ދެކިލައްވާ.

ބަލިމީހާގެ އިހުސާސްތައް ދެނެގަނެވޭނީ އޭނާއާ އެންމެ ކައިރީގައި ގިނަ ވަގުތު ހޭދަކުރާ މީހަކަށެވެ. ހޮސްޕިޓަލެއް ނުވަތަ އެނޫން ވެސް ސިއްހީ މަރުކަޒެއްގައި ނަމަ، އެއީ ހަމަގައިމު ވެސް ބަލިމީހާއަށް ޚިދުމަތް ދޭން ހުންނަ ނަރުހެވެ. ނަރުސްކަމަކީ ވަޒީފާއަކަށް ވުރެ ބޮޑަށް އިންސާނިއްޔަތަށް ދެވޭ ޚިދުމަތެކެވެ. ނަރުހުން ބަލިމީހާގެ މާޔޫސްވެފައިވާ ހިތަށް ދިރުން ގެނެސްދެ އެވެ. ކެތްތެރިކަމާއެކު ބަލިމީހާގެ ވޭނީ އުދާސްތައް ފިލުވައިދީ އުންމީދު އާކޮށްދެ އެވެ. އަމިއްލަ ނަފްސަށް ވުރެ ބަލިމީހާ އިސްކުރެ އެވެ.

މިއީ ވެސް އެފަދަ ނަރުހެކެވެ. މީގެ 51 އަހަރު ކުރިން 1968 ގައި ހެދި ނަރުސްކަމުގެ ޓްރޭނިންއަށް ފަހު 1971 ގައި ސިއްހީ ދާއިރާއާ ގުޅުނު ހ. މާހާ، އައިމިނަތު ވަހީދާ (އައިންތު) އަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ނަރުހެކެވެ.

އައިންތު: އެންމެ ފުރަތަމަ ދުވަހެކޭ މިއަދެކޭ ތަފާތެއް ނެތި މަސައްކަތުގައި ދެމިހުރި އިޚްލާސްތެރި ނަރުހެއް

އައިޖީއެމްއެޗްގެ ބްލަޑް ބޭންކްއާ މިވަގުތު ހަވާލުވެގެން ހުންނެވި އައިންތުއަކީ ކުރައްވާ މަސައްކަތް ވަރަށް އިޚްލާސްތެރިކަމާއެކު ކުރާ ހިތުން ކުރައްވާ ބޭފުޅެކެވެ. ވަރަށް ފުރިހަމައަށް ދުވަހުން ދުވަހަށް މަސައްކަތް ނިންމެވުމަށް އަބަދުވެސް އިސްކަމެއް ދެއްވަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ބްލްޑް ބޭންކްގައި ލޭ ނަގައި، ލޭ ރައްކާކުރުމުގެ ޚިދުމަތް ދިނުމުގައި ސިއްހީގޮތުން އެންމެ ފަހުގެ މިންގަނޑުތަކަށް ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމެވެ. ލޭ ނަގާ މީހާއަށް ދޭންވާ މުހިންމު މައުލޫމާތާއި އަޅާލުންދީ، ރައްކާތެރިކަން ކަށަވަރު ކޮށްދިނުމެވެ. ރައްކާކުރެވޭ ލޭ ބަލަހައްޓާއި ބޭނުންވާ ބަލި މީހުންނަށް ފޯރުކޮށް ދިނުމެވެ.

ދިވެހި ނަރުހުންނަކީ އެ މީހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމުން ދިވެހި މުޖްތަމައު ވަރަށް ބޮޑަށް ބަލައިގެންފައިވާ ބައެކެވެ. އައިންތު ދެކޭގޮތުގައި އެކަން އެހެން ދިމާވެފައި ވަނީ އޭރު ވެސް މިހާރު ވެސް ރާއްޖޭގައި ނަރުހުންނަށް ރަނގަޅު ތަމްރީނެއް ދެވޭތީ އެވެ. ބަލިމީހާއަށް ރަނގަޅު ޚިދުމަތެއް ދޭން ދަސްކޮށްދިނުމުގެ އިތުރުން ވެރިންނަށް އިހުތިރާމް ކުރުމަށާއި މަސައްކަތަށް ފަރުވާތެރިވުމަށް ޓްރޭނިންގެ ތެރެއިން ވަރަށް ރަނގަޅަށް ދަސްކޮށްދެވެ އެވެ.

އައިންތު ފޮޓޯއަކަށް ހުއްޓިލައިގެން: މަސައްކަތުގެ ތަޖުރިބާ ހުރުމަކީ ސިއްހީ ދާއިރާއަށް މުހިންމު ކަމެއް

އައިންތު ޚާއްސަ ވަނީ އިޚްލާސްތެރި މަސައްކަތެއް ކުރައްވާ ހީވާގި ނަރުހެއްގެ ގޮތުގަ އެވެ. ވަޒީފާއަށް އިސްކަންދެއްވަ އެވެ. ވެރިންނަށް ކިޔަމަންތެރިކަން އަދާކުރައްވަ އެވެ. އޭގެ ސަބަބުން ވެރިންގެ އިތުބާރު ލިބިފައިވަނީ ވަރަށް މަތީ ދަރަޖައަކަށެވެ.

މިހާރު އުމުރުން 75 އަހަރުވެފައިވި ނަމަވެސް ނަރުސްކަމާ ވަކިވާކަށް އޭނާގެ ހިތެއް ނޭދެ އެވެ. އެއީ ނަރުސްކަމާ ގުޅުނުއިރެކޭ މިއަދެކޭ އޭނާގެ މަސައްކަތުގައި ތަފާތެއް ނެތީމަ އެވެ. މަސައްކަތް ކުރުމަށް އަދިވެސް ސިއްހަތު ތަންދެ އެވެ. މުވައްޒަފެއްގެ ފަރާތުން ފެންނާނެ އެންމެ ރީތި ސިފަތަށް އޭނާގެ ކިބައިގައިވެ އެވެ. ހިނގާފައި އުޅުއްވާ އިރު ވެސް ގަޑި ނުޖެހި ޑިއުޓީއަށް ވަޑައިގަނެ އެވެ.

ވަރަށް ބޮޑަށް ބަލިވެގެން ނޫނީ މަސައްކަތަށް ސަލާމެއް ނުބުނުއްވަ އެވެ. އައިންތުގެ ދަށުން މަސައްކަތް ކުރައްވާ ސްޓާފުންނަށް މަސައްކަތުގެ ޚާއްސަ ތަމްރީން ދެއްވަ އެވެ. އެ ސްޓާފުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި އަދި ބްލަޑް ބޭންކާއި އައިޖީއެމްއެޗްގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ ކުދިންކަން ވެސް ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.

އައިންތު: އެއްކޮށް މަސައްކަތް ކުރެއްވި އެންމެންގެ ލޯބި ލިބިފައިވާ ނަރުހެއް.

ފަރުވާ ކުޑަވެގެން ދުވަހަކު ވެސް ވެރިއެއްގެ ފަރާތުން އޭނާގެ ޝަކުވާއެއް ނުވަތަ އޭނާއަކަށް އިންޒާރެއް އައިސްފައެއް ނުވެ އެވެ. މަސައްކަތަށް ފަސްޖެހުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. ދިމާވި ގޮންޖެހުންތަކަށް ކެތްކޮށް މަސައްކަތުގައި ދެމިހުއްޓެވެ. ކުރައްވެވި އިޚްލާސްތެރި މަސައްކަތް ވެރިން ބަލައިގަނެ އެބޭފުޅުންގެ ފުރިހަމަ އިތުބާރު ލިބިފައިވެ އެވެ.

"އަޅުގަނޑުގެ ގައިބާރު ނެތިގެނެއް ނޫން އެކަމަކު ވެސް 65 އަހަރު ވުމުން ވެސް މި ލޯބިވާ މަސައްކަތާ ވަކިވާން ބޭނުން ނުވާތީ ސަރުކާރުގައި އެދިގެން ހިލޭ ސާބަހަށް ވެސް މަސައްކަތް ކުރިން. އޭގެ އެއްއަހަރު ފަހުން ސަރުކާރުން ނިންމެވީ ހެލްތް ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު، ސިއްހަތު ތަންދޭ ކަމަށް ވަންޏާ ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދަން ޗާންސް ދެއްވަން. އެކަމަކު 75 އަހަރު ވުމުން ކޮންޓްރެކްޓް އާކޮށެއް ނުދެއްވި. މަސައްކަތް ނުކުރެވޭތީއެއް ނޫން. މެނޭޖްމަންޓުން އެގޮތަށް ނިންމެވީމަ އެމަކަށް އިޙްތިރާމް ކުރަން،" އައިންތު ވިދާޅުވި އެވެ.

ނަމޫނާ ނަރުހެއް: އެންމެ އިސްކަމެއް ދެއްވަނީ ބަލިމީހުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް

އޭނާ ދެކިލައްވާ ގޮތުގައި ނަރުހުންގެ ތަޖުރިބާއަކީ ސިއްހީ ދާއިރާއަށް ވަރަށް މުހިންމު އެއްޗެކެވެ. ސިއްހަތު ތަންދޭ ކަމަށްވަންޏާ އުމުރު މައްޗަށް ދިޔަ ނަމަވެސް މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވަންވީ ސަބަބެއް ނެތެވެ.

އައިންތު ގަބޫލު ކުރައްވާގޮތުގައި ނަރުސްކަމަކީ އެ މީހެއްގެ ހިތުގައި އިހުލާސްތެރިކަމާއި، ލޯތްބާއި، ކުލުނު އަދި ހަމްދަރުދީ ހުރި މީހަކަށް ނޫނީ ނުކުރެވޭނެ ވަރަށް މާތް މަސައްކަތެކެވެ. ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައި ކުރެވޭނެ މަސައްކަތެއް ނޫނެވެ. އިތުރަށް ކިޔެވޭނެ މަގުތަށް ފަހިވެފައި ވީ ނަމަވެސް ބަލިމީހުންނަށް ޚިދުމަތް ކުރުން ހުއްޓާނުލުމަކީ ބަލިމީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއެކެވެ.

އައިންތު ބްލަޑްބޭންކުގައި މަސައްކަތް ކުރައްވަނީ: މުވައްޒަފެއްގެ ފަރާތުން ފެންނާނެ އެންމެ ރީތި ސިފަތަށް އޭނާގެ ކިބައިގައިވޭ

އެންމެން އެއްބަސް ކިޔައިގެން ނަމަވެސް ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހަމައެކަނި ދިވެހި ނަރުހުން ތިބުން ޓާގެޓަކަށް (އަމާޒަކަށް) ހެދުމަކީ އައިންތުގެ ވަރަށް ބޮޑު އެދުމެކެވެ. ތަޖުރިބާކާރު ނަރުހެއްގެ ހައިސިއްޔަތުންނެވެ. އެއީ ދިވެހީންގެ ޚިދުތަމުގައި ދިވެހި ނަރުހުން ތިބުމަކީ ބަލިމީހާގެ ފަރުވާއަށް ވަރަށް މުހިންމު ކަމެއްކަމަށް ތަޖުރިބާ ކުރެވިފައިވާތީ އެވެ.

"މިއީ ވަރަށް ތަފާތު ޕްރޮފެޝަނެއް ދެއްތޯ. ކިޔެވޭނެ މަގުތަކާއި މަސައްކަތް ކުރެވޭ ވަރަށް ގިނަ މަގުތައް ފަހިވެފައިވާ ދާއިރާއެއް. މިސާލަކަށް ބަލިމީހާއަށް ސީދާ އަޅާލުން ދިނުން ހިމެނޭ 'ބެޑަސައިޑް ނާސިން'ގެ އިތުރުން، ކޮމިއުނިޓީ ނާސިން، ސްކޫލް ނާސިން އަދި މެނޭޖްމަންޓްގެ ތަފާތު މަގާމުތަކުގައި ވެސް ނަރުހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތުތައް ވަނީ ފަހިވެފައި. އަޅުގަނޑުގެ ނަސޭހަތަކީ އިތުރަށް ކިޔަވާ ވިދާޅުވި ނަމަވެސް ބަލިމީހުންނަށް ޚިދުމަތް ކުރުން ހުއްޓާނުލުން،" އައިންތު ވިދާޅުވި އެވެ.

އައިންތު ބްލަޑް ބޭންކުގައި މަސައްކަތް ކުރައްވަނީ: ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ދިވެހި ނަރުހުން ތިބުމަކީ މުހިންމުކަމެއް ކަމަށް ދެކޭ

އައިންތު ނަރުސްކަމުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އެންމެ އުފާވި ކަންތައް ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ އަގުހުރި އެއްޗެއް އޭނާއަށް ލިބިފައިވާ ކަމަށެވެ. އެއީ އެއްކޮށް މަސައްކަތް ކުރި އެންމެންގެ ލޯތްބާއި އިހުތިރާމެވެ. އެ ދެ ކަންތައް ލިބިފައިވާތީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށް އައިންތު ވިދާޅުވި އެވެ.

ނަރުހުންނަކީ ފިނިފެންމަލެއް ފަދަ ބައެކެވެ. ފިނިފެންމަލުގެ މީރު ވަސް ވަށައިގެންވާ މާހައުލަށް ފަތުރާ ފަދައިން ނަރުހުން އެ މީހުންގެ ފަރާތުން ވަށައިގެންވާ އެންމެނަށް ހިތްހަމަޖެހުމާއި ފަސޭހަ ފޯރުވުމުގައި ދެމިތިބެ އެވެ.