ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުވަރީ 26 ގަ އެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފަ އެވެ. އެކަމަކު، އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ކޮމިޓީ ސިއްރުކޮށްގެންނެވެ.
އެ މައްސަލައިގައި މިއަދު ސިއްރުކޮށްގެން ބޭއްވި ކޮމިޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރަން ޖެހޭނެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.