މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އުޅަބޮއްޓަށް ދާއިމީ ގެއްލުން ލިބިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ ދައްތަ އަގީލާ ނައީމް ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނުގެ ސާޖަރީއެއް ރޭގައި ކޮށްފައިވީ ނަމަވެސް އޭނާގެ އުޅަނބޮއްޓަށް ދާއިމީ ގެއްލުން ވެފައިވާކަމަށެވެ. މިކަމުގައި އިތުރު ތަޖުރިބާކާރުންގެ ލަފާހޯދާނެ ކަމަށް ޔުމްނުގެ ދައްތަ ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ޔުމްނު އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މި އަނިޔާތަކަށް ޔުމްނު ފަރުވާ ހޯދަމުން އަންނަނީ މެލޭޝިއާގަ އެވެ.
ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ ކުރަން ޖެހުނު އެންމެ ނާޒުކު ސާޖަރީ ވެސް ކާމިޔާބުކަމާއެކު މިދިޔަ މަސް ތެރޭގައި ވަނީ ކޮށްފައިވާއިރު ޔުމްނު މިހާރު ހޭއަރާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ދާދި ފަހުން އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވެއްޓުނީ ނޫން ކަމަށާ ބަޔަކު އޭނާ ވައްޓާލީ ކަމަށް ޔުމްނު އާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުނެފައިވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އެރޭ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށްފައިވާއިރު އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހާފަ އެވެ.