ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދޭން އިންޑިޔާއިން ފޮނުވައިލި 25 ޑްރޯން މިހާތަނަށް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިންޑިއާއިން ޕާކިސްތާނަށް ފޮނުވައިލި ޑްރޯންތައް ޕާކިސްތާނުގެ އެކި ހިސާބުތަކުން ވައްޓާލާފައިވާ ކަން ހާމަކޮށްފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މެޖަރ ޖެނެރަލް އަޙުމަދު ޝަރީފް ޗައުދްރީ އެވެ.
އޭނާ ވިދާޅުވީ އޭގެ ބައެއް ޑްރޯނުތައް ވައްޓާލާފައިވަނީ ލާހޯރު އަދި ކަރާޗީ ފަދަ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ކަމަށާއި ޑްރޯންތައް ވައްޓައިލުމުގެ ތެރޭގައި ޢާންމުންގެ މީހަކު މަރުވެފައިވާ ކަން ވެސް އޭނާ ވަނީ ހާމަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންޑިޔާއިން ދަނީ ހުއްޓުމެއްނެތި ޙަމަލާދޭން ޑްރޯންތައް ފޮނުވަމުން ކަމަށާއި، ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ ރައްދުގައި އެ ޑްރޯންތައް ވައްޓައިލަމުންނެވެ.
ފާއިތުވި އަހަރުތަކުގެ އިންޑިޔާއިން ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޑްރޯނާއި މިސައިލާއި ރާޑަރު ފަދަ ބަރު ހަތިޔާރު، ޔަހޫދީން އަތުން ގަނެފަ އެވެ.
ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ.
އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.
އިންޑިޔާގެ މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ހަނގުރާމަވެރިންގެ މަޤާމުތަކަށް ކަމަށް އެ ޤައުމުން ބުނި ނަމަވެސް އެ ޙަމަލާތަކުގައި މަރުވެފައި ވަނީ ޢާންމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އެ ގޮތުން އެ ޙަމަލާތަކުގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.