ސިންގަޕޫރުގެ ޑޫކް-އެންޔޫއެސް މެޑިކަލް ސްކޫލާއި އެމެރިކާގެ ބޭސްއުފައްދާ ކުންފުންޏެއް ކަމަށްވާ އާކްޓުރުސްއިން ގުޅިގެން އުފައްދާފައިވާ ފުރަތަމަ ވެކްސިން ޓެސްޓް ކުރުމަށް ސިންގަޕޫރުގެ ވޮލެންޓިއަރުންނަށް ދީފި އެވެ.
މިކަމާއި ގުޅިގެން އާކްޓުރުސް އިން ނެރުނު ބަޔާނެއްގައި ވާގޮތުން އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ފެށި ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާގައި 21-55 އަހަރާއި ދެމެދުގެ ވޮލެންޓިއަރުންނަށް ވެކްސިންގެ އެއް ޝޮޓް ދީފައިވާ ކަމަށެވެ.
ޓެސްޓު ކުރުމުގެ ދެވަނަ މަރުހަލާގައި ބޭނުންކުރާނެ ޑޯޒްތައް ކަނޑައަޅާނީ މި ޓެސްޓް މަރުހަލާގެ ނަތީޖާއަށް ރިއާޔަތްކޮށްފަ އެވެ. އަދި އެ މަރުހަލާގައި ބައިވެރިވާނީ އުމުރުން 56-80 އަހަރާއި ދެމެދުގެ މީހުންނާއި ޒުވާނުން ކަމަށެވެ.
އާކްޓުރުސްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް ޖޯސެފް ޕޭއިން ވިދާޅުވި ގޮތުގައި ޕްރީ ކްލިނިކަލް ޓެސްޓުގެ ނަތީޖާއަށް ބަލާފައި މި ވެކްސިން ޖަހަން ޖެހޭނީ އެންމެ ފަހަރަކު ތޯއާއި މަދު ޑޯޒަކުން މަސައްކަތް ކުރާނެކަން އެނގިގެންދާނެ ކަމަށެވެ.
މިދިޔަ ހަފްތާއާއި ހަމަޔަށް މި ވެކްސިން ޓެސްޓްތަކުގައި ބައިވެރިވުމަށް 250 މީހުން ވޮލެންޓިއާ ކޮށްފައިވެ އެވެ. ލޫނާ-ކޮވް19ގެ ނަން ދެވިފައިވާ މި ވެކްސިންގެ ފުރަތަމަ ޓެސްޓު ބުރަށް ނަގާފައިވަނީ އޭގެތެރެއިން 100 މީހުންނެވެ.
ސިންގްހެލްތު އިންވެސްޓިގޭޝަން ޔުނިޓުން ކުރިއަށްގެންދާ މި ޓެސްޓްތައް އޮކްޓޯބަރު މަހާއި ހަމަޔަށް ކުރިއަށްދާނެ އެވެ. --ސްޓްރެއިޓް ޓައިމްސް