އެމްޑީޕީ ސަރުކާރުން ހަދަން ފެށި މ. މުލީ އެއާޕޯޓު ރައީސް މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވަން މި ހަފުތާގައި ހަފުލާއެއް ބާއްވާނެ ކަމަށް އިއުލާންކުރުމަށް ފަހު އެކަން ކެންސަލްކޮށް، އެ އެއާޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލައިފި އެވެ.

މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދަތުރަށްފަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފައި ވަނީ މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގަ އެވެ. ނަމަވެސް ރަސްމީކޮށް އެއާޕޯޓު ހުޅުވުން ކެންސަލްކުރި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ރީޖަނަލް އެއާޕޯޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހު ތަރައްޤީ ކުރަން ފެށިގެން މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވ،ާ މުލި އެއާޕޯޓްގެ މަސައްކަތް ނިމ،ި ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ އެއާލައިންތައް ކަމަށްވާ މޯލްޑިވިއަން، ވިލާ އެއާ އަދި މަންޓާއަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އެއާޕޯޓް އަޅަން 2021 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެގޮތުން އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިޔަ އެވެ.