ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ރިއާނާއާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ ބުނެފި އެވެ.
ވެރައިޓީއަށް ދިން އިންޓަވިއުއެއްގައި އޭސެޕް ވަނީ އޭނާގެ މިހާރު ކުރަމުންދާ މަސައްކަތްތަކާއި ރިއާނާއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
ރިއާނާއާއެކު ފިލްމެއްގައި މަސައްކަތްކުރަން ބޭނުންތޯ ސުވާލު ކުރުމުން އޭސެޕް ބުނީ ރިއާނާއާއެކު މިއުޒިކް ވީޑިއޯތަކުގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި ފިލްމެއްގައި ވެސް އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
އޭސެޕް މިހެން ބުނެފައި މިވަނީ އެ ދެމީހުންގެ ތިންވަނަ ދަރިފުޅަށް ރިއާނާ ބަލިވެ އިންކަން ހާމަ ކުރިތާ ދެތިން ދުވަސް ފަހުންކަން ފާހަގަކޮށްލެވެ އެވެ.
"އަހަރެން މިހާރު މިހުރީ ޑޭޑް މޯޑްގައި. އަހަންނަށް ދުވަސްކޮޅެއް ބޭނުންވާނެ،" ކުރިއަށްހުރި މަސައްކަތްތަކާ ބެހޭގޮތުން އޭސެޕް ބުންޏެވެ.
ރިއާނާ ބަލިވެ އިންކަން އިއުލާން ކޮށްފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހު ބޭއްވި މެޓް ގާލާގެ ތެރެއިންނެވެ. އޭނާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭއިރު އެންމެ ފަހުން ލިބުނު ދަރިފުޅަށް އަދި ވީ ދެ އަހަރެވެ.