ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އެންގުމުން އެ ކޯޓުގެ އިސްގާޒީއަށް ފުލުހުން ނުފޫޒު ފޯރުވިކަން ހާމަވެއްޖެއެވެ.

މާލޭގެ ސްޕާއަކުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި އިސްމާއިލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގެ ތަހުގީގު ރިޕޯޓް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން, އިސްމާއިލް ބަންދުން ދޫކޮށްލުމުން އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދަށް ފޯން ކޯލްތަކެއް އައި ކަމަށް އޭނާ ތަހުގީގުގައި ވިދާޅުވެފައިވެ އެވެ.

"ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާދު އާދަމް މުހައްމަދުގެ ފަރާތުން ލިބުނު މައުލޫމާތަކީ އެ ބޭފުޅާ (ޑޮކްޓަރު އިސްމާއިލް ލަތީފް) ދޫކޮށްލައިގެން, ފުލުހުންގެ ފަރާތުން އިސްގާޒީ އަލްއުސްތާދު އާދަމް މުހައްމަދަށް ފޯން ކޯލްތަކެއް އައި ކަމަށް ބުނެފައިވެއެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުންނަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އަދި މިގޮތަށް ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ގުޅުމަކީ އާންމު އުސޫލުން މަނާ ކަމެކެވެ.

އެހެން ނަމަވެސް ޖޭއެސްސީގެ ރިޕޯޓުގައި ފުލުހުން ނުފޫޒު ފޯރުވި މައްސަލަ ބެލުމަށް ނިންމާފައެއް ނުވެއެވެ.