ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނިކޮށް އެ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފި އެވެ.
މި މައްސަލަ ކޮމިޓީއަށް ދިރާސާކުރަން އިއްޔެ ފޮނުވިއިރު އެ މައްސަލާގައި ކޮމިޓީން އަދި ބޭއްވީ އެންމެ ބައްދަލުވުމެކެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ކޮމިޓީއަށް ގެނައި ބަދަލުތައް ހާމަކުރައްވާފަ އެވެ.
މިގޮތުން ކޮމިޓީގައި ކުރިން އިންނެވި ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަކިކުރައްވާ އޭގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ހަމަ ޖައްސާފަ އެވެ.
ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ދިރާސާކުރުމަށްފަހު ތުހުމަތުވާ ފަނޑިޔާރުންނާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުން ހާޒިރުކުރުމާ މެދު ގޮތެއް ނިންމުމަށެވެ.
އަޒްމިރާލްދާ ވަނީ މި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
މައްސަލަތައް ބަލަން ފަށާފައިވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.
އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.
އޭގެ ފަހުން އިއްޔެ މަހާޒް އާއި އަޒްމިރާލްދާ ވަކިކުރުމަށް ޖޭއެސްސީ ގެ ކޮމިޓީން ނިންމާ މަޖިލީހަށް ފޮނުވުމާ އެކު މިއަދު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފަ އެވެ.
މައްސަލައާ މެދު ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މެންބަރުންގެ ވޯޓަކުންނެވެ.