މިދިޔަ ހޮނިހިރު ދުވަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮއްޓަރު ހުރި ވާހަކަތަކެއް ދައްކާފައިނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަގަހަ ޖަލްސާތަކުގެ ތެރެއިން ރޭގައި ބޭއްވި ޖަލްސާ އެއްގައި ރައީސް ޔާމީން ވިދާޅުވީ ފެނިގެންދިޔައީ ބޮޑެތި ސީރިއަސް މައްސަލަތަކުގައި ހަގީގީ ސުވާލެއް ކުރުމުން ކޮންމެވެސް ޒުވާބެއް ކުރައްވައި ގޮތް ހުސްވެގެން "ތިމަންނަ ޖެހޭނީ ތިކަން ބަލައިލަންށޭ" ވިދާޅުވާ މަންޒަރު ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މީގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހުރިހާ ކަމެއް ނޭނގިދާނެ ކަމަށް ވިދާޅުވެވެން އޮތް ނަމަވެސް ހުރިހާ ކަމެއްވެ ނިމުނީމާ "އުނބު ޓާން" ނެގުން ހުތުރު ކަމަށެވެ.
އެ ބައްދަލުވުމުގެ ތެރެއިން ރައްޔިތުންނަށް އުނދަގޫވެފައި ހުރި ސުވާލުތަކަށް ޖަވާބު ނުލިބުނުކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެއްޗެއް ދިގުވުމަކީ މޮޅު ކަމެއް ނަމަވެސް އެ އެއްޗެއް ދިގުވާ ވަރަކަށް އޭގައި އޮއްޓަރު ހުރި މިންވަރު ދަށްވާނެ ކަމަށެވެ.
މި ބައްދަލުވުމުން އެންމެ އިންތިޒާރު ކުރީ އޮއްޓަރު ހުރި ވާހަކަތަކަކަށް ކަމަށާއި މިފަދަ އެއްވެސް ވާހަކައެއް ނީވުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް މި 14 ގަޑިއިރުގެ ތެރެއިން އޮއްޓަރު ހުރި ޖައުހަރީ ވާހަކަތަކެއް އަޑެއް ނީވުނޭ. އެއަށް އަޅުގަނޑުމެން އިންތިޒާރުކުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ހެނދުނު 10 ގައި ފެށި ނޫސްވެރިންގެ ބައްދަލުވުން ރައީސް މުއިއްޒު ނިންމަވާލެއްވީ އެރޭ 00:30 އަށް ވުރެ ވެސް ބޮޑުވި ފަހުންނެވެ. ނަމާދު ވަގުތުތަކަށް ވެސް މި ބައްދަލުވުން މެދުކަނޑާލެއްވީ ގާތްގަނޑަކަށް 30 ވަރަކަށް މިނިޓަށެވެ.