ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި މައްސަލާގައި މި ދެ ފަނޑިޔާރުން ވަކިކުރަން ފެންނަން ޖެހޭކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން އިން ވަކި ވަކީން ފޮނުވި ސިޓީ އިއްވާފަ އެވެ.

މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 11:00 އަށް ތާވަލުކުރެވިފައިވާއިރު މައްސަލައާ މެދު ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މެންބަރުންގެ ވޯޓަކުންނެވެ.

އަޒްމިރާލްދާ ވަނީ މި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމިޓީއަކުން ނިންމީ އިއްޔެ އެވެ.

އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.

މި ދެ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަ ވެސް ބެލުމަށް ޖުޑީޝަލް ކޮމިޝަނުން ނިންމި ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

މި ތިން ފަނޑިޔާރުންގެ މައްސަލަ ކުއްލިއަކަށް ބަލަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑިި ގެއްލޭނެހެން ގާނޫނަށް އިސްލާހު ގެނައި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މިއާއެކު ސަރުކާރުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.