މީގެ ގަރުނެއްހާ ދުވަސް ކުރިން އެޓްލާންޓިކް ކަނޑުގެ އަޑިއަށް ފެތުނު ޕެސެންޖާ ލައިން "ޓައިޓޭނިކް" ފެތުމުގެ ކުރިން އެއިން ދަތުރުކުރި މީހަކު ލިޔުނު ސިޓީއެއް ނީލަމުގައި ހަތަރު ލައްކައެއްހާ ޑޮލަރަށް ވިއްކާލައިފި އެވެ.

1912 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ޓައިޓޭނިކުން ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ އާކިބަލްޑް ގްރޭސީ އޭނާގެ ބޮޑުބޭބެއަށް ލިޔުނު އެ ސިޓީގައި ދައްކާފައިވަނީ ޓައިޓޭނިކްގެ ވާހަކަ އެވެ.

އެގޮތުން އެ ބޯޓަކީ ވަރަށް ފެންވަރު ރަނގަޅު ބޯޓެއް ކަމަށާއި އެހެން ނަމަވެސް އެ އުޅަނދާ ބެހޭގޮތުން ނިންމުމެއް ނިންމަން އެނގޭނީ މުޅި ދަތުރު ނިމުމަށްފަހު ކަމަށް ގްރޭސީ އެ ސިޓީގައި ބުނެފައިވެ އެވެ.

ގްރޭސީއަކީ ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާގައި ސަލާމަތްވި މަދު މީހުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ބޯޓު ގަނޑު ފެންގަނޑުގައި ޖެހުމާއެކު ލައިފްބޯޓެއްގައި ކަނޑަށް ފުންމާލާފަ އެވެ.

ގްރޭސީ ލިޔުނު ސިޓީގެ ފޮޓޯއެއް

އިނގިރޭސި ވިލާތުގެ ނީލަން ގެއެއްގައި ބޭއްވި ނީލަމެއްގައި ގްރޭސީގެ އެ ސިޓީ ވިއްކާލާފައިވަނީ އެމެރިކާގެ ޕްރައިވެޓް ކަލެކްޓަަރަކަށް 399،000 އެމެރިކާ ޑޮލަރަށެވެ.

މި ސިޓީގެ އިތުރުން ވެސް ޓައިޓޭނިކްގެ ހާދިސާއާ ގުޅުންހުރި އެތައް އެއްޗެއް އެކި ފަހަރުމަތިން ނީލަމުގައި ވިއްކާލާފައިވާކަން ފާހަގަކޮށްލެވެ އެވެ.

1912 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފެށި ޓައިޓޭނިކްގެ އެންމެ ފުރަތަމަ ދަތުރުގައި އެ ބޯޓު ގަނޑު ފެންގަނޑެއްގައި ޖެހި ކުރިމަތިވި ބަދުނަސީބު ހާދިސާގައި އެއިން ދަތުރުކުރި 1500 އަށްވުރެ ގިނަ މީހުން މަރުވި އެވެ.