މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) ބުނެފި އެވެ.

މީގެ އިތުރުން ވެސް މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6 އާ ހަމައަށް ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހަމަމިއާއެކު އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 2 ފޫޓާއި 5 ފޫޓާއި ދެމެދު އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 4 ފޫޓާއި ފަސްފޫޓާއި ދެމެދުގެ އުސްމިން ހުންނާނެކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.