އިސްލާމްދީނުގައި ކައިވެނީގެ ބޭރުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ހުއްދަ ކަމެއް ނޫނެވެ. މިފަދަ ގުޅުންތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިކަން ޝަރީއަތުގައި މަނާކުރެވިފައިވެ އެވެ. މިފަދަ ގުޅުމެއްގައި ހުރެ، އެ ގުޅުމުގެ ތެރެއިން ހިނގާފައިވާ ފައިސާގެ މުއާމަލާތްތަކާމެދު ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މިކަމާ ގުޅޭ މިސާލެއް ދަންނަވާނަމަ، ޒުވާނަކު ތިން އަހަރު ވަންދެން ކުއްޖަކާ ކައިވެނީގެ ބޭރުން ގުޅުން ބާއްވައި، އޭނާގެ އަތުން ފަސްހާސް ރުފިޔާ ނަގައިފައިވެ އެވެ. ފަހުން އޭނާ އެ ގުޅުން ނިމުމަކަށް ގެނައުމުގެ ސަބަބުން އެކަކު އަނެކަކަށް ދެވިފައިވާ ފައިސާ އަނބުރާ ދެއްކުމަށް ބުނެ އެވެ. ކައިވެނީގެ ގުޅުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މުޖުތަމައުތަކުގައި މިއީ އާންމުކޮށް ދިމާވަމުންދާ މައްސަލައެކެވެ. މިފަދަ ހާލަތެއްގައި ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟
އިސްލާމީ އިލްމުވެރިންގެ ފަތުވާގައި ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ހާލަތެއްގައި އެ ފައިސާއަކީ ދަރަންޏެއްގެ ގޮތުގައި ނުވަތަ ހަދިޔާއެއްގެ ގޮތުގައި ދެވިފައިވާ އެއްޗެއްތޯ ބަލަންޖެހެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ދެވިފައިވާ ދަރަންޏެއްނަމަ، އެ ފައިސާ އަނބުރާ ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް ފައިސާ ދިން ފަރާތުން އެ ހައްގު ދޫކޮށްލައިފިނަމަ، އެ ފައިސާ ބެހެއްޓުމަކުން މައްސަލައެއް ނެތެވެ.
އެހެންނަމަވެސް، ފައިސާ އަނބުރާ ދައްކަން އެންގީ ގުޅުން ކުރިއަށް ނުގެންދެވޭނެކަން އެނގުނީމަ ކަމަށްވާނަމަ، އެ ފައިސާއަކީ ކައިވެނީގެ ބޭރުން ކުރިއަށް ގެންދިޔަ ހަރާމް ގުޅުން ދެމެހެއްޓުމަށްޓަކައި ދެވުނު ހަދިޔާއެއް ކަމަށް ބެލެވިދާނެކަމަށް އިލްމުވެރިން ބުނެ އެވެ. އެ ފައިސާ ބެލެވޭނީ ހަރާމް މަސައްކަތަކަށް ދެވުނު އުޖޫރައެއްގެ ގޮތުގައިކަމަށް އިލްމުވެރިން ދެކެ އެވެ. އެހެންކަމުން، މިފަދަ ފައިސާއަކީ ހުއްދަ ގޮތުގައި ލިބުނު އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެވެ. އެ ފައިސާ ޞަދަޤާތްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދީނީ އިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ވީމާ، ހަރާމް ގުޅުމެއްގެ ތެރެއިން ލިބުނު ފައިސާ އަނބުރާ ދިނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އެ ފަރާތުން ނުނަގާނަމަ، އެ ފައިސާ ޞަދަޤާތްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެފަދަ ހަރާމް ގުޅުންތަކުން ދުރުހެލިވެ، ތައުބާވުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ. މިފަދަ ކަންކަމުން ދުރުހެލިވެ، ހުއްދަ ގޮތުގައި ދިރިއުޅުން ބައްޓަންކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެކެވެ.